އިންސާނީ ހައްގުތަކާ ގުޅޭ 7498 މައްސަލައެއް މި އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސާ އާމިނަތު އީނާސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ފާއިތުވި 15 އަހަރު ތެރޭ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެޗުއާރްސީއެމް އަށް މި އަހަރު ހުށަހެޅި 7498 މައްސަލައިގެ ތެރެއިން 7341 މައްސަލަ ބަލާ ނިމިފައިވާ ކަމަށާއި އެ މައްސަލަތަކުން މުޖުތަމައުގެ ހާލަތާ ގުޅޭ ގޮތުން ފާހަގަކުރެވުނު ކަންތަކަށް ދިރާސާތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އީނާސް ވިދާޅުވި އެވެ.
އެޗުއާރްސީއެމްގެ ރައީސާގެ ހިތޯބުގައި އިތުރަށް ވިދާޅުވީ ރާއްޖޭގައި ގޯތި ގެދޮރުގެ ދަތިކަން ހުރި މިންވަރާ ގުޅޭ ގޮތުންނާއި މުޖުތަމައުގައި ކުށްކުރުން އިތުރުވުމާ ގުޅޭ ގޮތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް އަދި އުފަންވެނިވި ސިއްހަތުގެ ދިރާސާއަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ދިރާސާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"މިފަދަ ދިރާސާތަކުގެ އަލީގައި އިންސާނީ ހައްގުތަކާއި ޒިންމާތަކަށް ރައްޔިތުން ހޭލުންތެރިކުރުވައި ހައްގުތައް ކުރިއަރުވައި އެ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރުމަށް އާންމުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައިވާނެ އެވެ،" އީނާސްގެ ހިތޯބުގައި ވިދާޅުވި އެވެ.
އެޗުއާރްސީއެމްގެ ރައީސާ، އީނާސް ވިދާޅުވީ އެޗުއާރްސީއެމް އިން ކޮށްފައިވާ ދިރާސާތަކާއި ހުށަހެޅުނު މައްސަލަތަކަށް ރިއާޔަތްކޮށް އަމަލުކުރަމުންދާ، އަދި އަލަށް އެކުލަވާލެވޭ ގާނޫނުތަކާއި ގަވައިދުތަކާއި އިދާރީ އުސޫލުތައް އަދި ސިޔާސަތުތައް އިންސާނީ ހައްގުތަކުގެ ނަޒަރުން މުރާޖައާކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"މީގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ އިންސާނީހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ދައުލަތަށް ލާޒިމްވާ ކަންތައް ތަންފީޒު ކުރަމުންދާ މިންވަރު ދެނެގަތުމާއި މުއާހަދާތައް މުރާޖައާކުރާ ކޮމެޓީތަކަށް ރިޕޯޓު ފޮނުވުމާއި އދ.ގެ އިންސާނީ ހައްގުތަކުގެ ނިޒާމުގެ ދަށުން އުފެދިފައިވާ ވޯކިން ގްރޫޕުތަކާއި ސްޕެޝަލް ރެޕެޓުއާސްއަށް މައުލޫމާތުފޮނުވައި ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނަށް ރިޕޯޓު ކުރެވިފައިވާނެއެވެ،"
އެޗްއާރުސީއެމްގެ އަމާޒަކީ ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތްދީ، ފުޅާ ދާއިރާޢެއްގައި މަސައްކަތްކޮށް ކޮމިޝަނުގެ ލަނޑުދަނޑިތައް ހާސިލްކުރުން ކަމަށް އެޗްއާރްސީއެމްގެ ރައީސާ ވިދާޅުވި އެވެ.
ނަވާރަސަތޭކަ ސާޅީސް އަށްވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގަ އެވެ.