ސަރަހައްދުގެ އަމާންކަން ގާއިމުކުރުމަށް ރާއްޖެއިން އަބަދު ވެސް އެއްބާރުލުންދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ސާކް ސަރަހައްދުގައި ސުލްހަ ގާއިމްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ބީ. ސިއާލްއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ސާކް ސަރަހައްދުގައި އިޖްތިމާއީ އަދި އިގްތިސޯދީ ހަމަޖެހުން ގާއިމް ކުރުމަށްވެސް ރާއްޖެ އިން އެއްބާރުލުން ދޭނެ ކަމަށެވެ.

ގައުމުތަކުގެ ތަފާތު އެއްފަރާތްކޮށް ސަރަހހައްދުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް އެކުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ސިޓީފުޅުގައި ސާކް އުފެދުނުތާ 34 ވުން ފާހަގަކުރާއިރު އެކި ދާއިރާތަކުން ސަރަހައްދުގެ ގައުމުތަކަށް ކުރިއެރުން ހޯދައިދިނުމަށް ސާކުން ކޮށްފައިވާ މަސައްކަތް ފާހަގަ ކުރައްވާފައިވެ އެވެ. ރައީސް ސޯލިހު ވަނީ އެއްގައުމު އަނެއް ގައުމާ ގުޅުން ބަދަހިކުރުމުގައި ސާކުން މިހާރުވެސް އިސް ރޯލެއް އަދާކުރަމުން އަންނަކަން ފާހަގަ ކުރައްވައިފަ އެވެ.

ދެކުނު އޭޝިއާ އަކީ މުއްސަނދި ސަގާފަތެއް ހިމެނޭ ސަރަހައްދެއް ކަމަށާއި އެކި ގައުމުތައް ތަފާތުވީ ނަމަވެސް ހުރިހާ ގައުމެއް ވެސް އެއްގަލަކަށް އަރައިގެން މަސައްކަތް ފެށީ އޭޝިޔާ ބައްރަކީ ސުލްޙަވެރި ތަނަވަސް ސަރަހައްދަކަށް ހެދުމަށް ކުރާ އުއްމީދުގެ ސަބަބުންކަން ރައީސްގެ ސިޓީ ފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.

މިގޮތުން، ސާކުގެ މެންބަރު ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދޭނެކަން ރައީސް ފާހަގަކުރައްވާފައި ވެއެވެ.

comment ކޮމެންޓް