ރާއްޖޭގެ މިއޮތް ޖަޒީރާ ވަންތަ ސިފަ ދެމެހެއްޓޭނީ މި ޗާލު ވެށި ސާފު ތާހިރުކޮށް ބަލަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެ ސާފު ކުރުމަށް މިއަދު ފެށި ޕްރޮގްރާމް ފެށުމުގެ ގޮތުން މާފަންނު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެ ސާފުކޮށް ބޭއްވުމަށް ސަރުކާރުން ފެށި މަސައްކަތަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ޅަފަތުގައި ދުވާލުގެ ހޫނުކަން ރަށުތެރެއަށް ފެތުރިގެން އަންނަ އިރު އެންމެ ފުރަތަމަ ފެންނަނީ ގޭ ދޮރުމައްޗާ މަގުމަތި ކުނިކަހާ ސާފު ކުރާ މަންޒަރު ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި މިއަދު މުޅީ ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމް ފެށޭ އިރު އޭރުގެ އެ ރީތި އާދަ އަލުން އަށަގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
" ރާއްޖެ މަޝްހޫރުވެފައި ވަނީ ސާފު ތާހިރު ކަމަށް ލޯބިކުރާ ގޮތް ހުރި ބަޔަކު ދިރިއުޅޭ ޖަޒީރާ ތަކެއްގެ ގޮތުގައި. ތަރައްގީގައި ކިތަންމެ ކުރިއަށް ދިޔަސް މިރާއްޖެއިން ޖަޒީރާ ވަންތަ ސިފަ ގެއްލިގެނެއް ނުދާނެ،" ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވިއެވެ.
ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފެށީ ރާއްޖޭގެ ގުދުރަތީ މުއްސަނދި ކަމުގެ ނަފާ ރާއްޖެ ސާފުކޮށް ބާއްވައިގެން ނޫން ގޮތަކަށް ނުލިބޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
" ކުނި ނައްތާލުމަކީ މި ރާއްޖޭގެ ކޮންމެ ރަށަކަށްމެ ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް. އެފަދަ ކޮންމެ މައްސަލައެއްގެ ހައްލު ފެށެނީ ފަރުދުންގެ ކިބައިން ކަމަށް ވާތީ މިކަމުގައިވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށް ބޮޑު." ރައީސް ޞާލިހު ވިދާޅުވިއެވެ.
ފަރުތަކާއި ފަޅުތަކަށް ކުނި ބޭރުވަމުން ދަނީ ރަށުތެރޭގައި އުފެދޭ ކުނި ރައްކާތެރި ކަމާއެކު ނައްތާ ލެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި ކޮންމެ ރަށަކަށް އެފަދަ ނިޒާމެއް ބޭނުންވާކަން ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިރަށް މާލޭގައިވެސް އުފެދޭ ކުނީގެ ބޮޑު ބަޔަކީ މަގުތަކަށް މީހުން އަޅާ ކުނި ކަމަށް ރައީސް ވިދާޅުވިއެވެ. ގުދުރަތީ ގޮތުން އުފެދޭ ކުންޏަށްވުރެ ގިނައިން މަގުމަތިން ހުސް ޕެކެޓްތަކާއި ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތެކެތި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
" ކުނި މެނޭޖް ކުރުމުގެ އެންމެ ކުރުމަގަކީ ކުންޏަކީ ކޮންމެހެން އުފެދެން ޖެހިގެން ނޫނީ ނުއުފެދޭ އެއްޗެއް ކަމުގައި ހެދުން. ކުނި އުފެދޭ މިންވަރު މަދުކުރުން.." ރައީސް ޞާލިހު ވިދާޅުވިއެވެ.
ރާއްޖެ ސާފު ކުރުމަށް ހިންގާ ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ވަނީ ފަށައިފައެވެ. އެއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރެއިން ކަމެކެވެ.