ހަމާސްއާ ދެކޮޅަށް އެމެރިކާއިން އދ. އަށްހުށަހެޅި ގަރާރަށް ރާއްޖެއިން ބުނީ ނޫނެކޭ

ހަމާސްއާ ދެކޮޅަށް ގަރާރު ހުށަހެޅުއްވި އެމެރިކާގެ ސަފީރު ނިކީ ހޭލީ

އެމެރިކާއިން އިސްވެއޮވެ ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުންގެންދާ ހަމާސް ޖަމާއަތާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ނޫނެކޭ ބުނެފިއެވެ.

ހަމާސްއިން އިސްރާއިލުގެ އާންމުން ދިރިއުޅޭ ރޮކެޓް ސަރަހައްދަށް ހަމަލާދޭ ކަމަށް ބުނެ އެ ޖަމާއަތް ކުއްވެރިކުރުަމށް ހުށަހެޅި ގަރާރާ އެއްކޮޅަށް 87 ގައުމަކުން ވޯޓު ދިން އިރު 57 ގައުމަކުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އަދި 33 ގައުމަކުން އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

އެ ގަރާރު ފާސްވުމަށް ތިން ބައިކުޅަ ދެބައި ގައުމުތަކުގެ ވޯޓު ބޭނުންވެއެވެ. އެހެން ނަމަވެސް އެއަދަށް ވޯޓު ނުލިބުން އެ ވޯޓު ވަނީ ނާކާމިޔާބު ވެފައެވެ.

އެ ވޯޓާ އެއްކޮޅަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ވޯޓު ދިން އިރު އެފްރިކާއާ އަދި ކުދިކުދި ބައެއް އެއްވެސް ހައިސިއްޔަތެއް ނެތް ގައުމުތަކުންވެސް ވަނީ އެއްކޮޅަށް ވޯޓު ދީފައެވެ.

ހަމާސްއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ގައުމުތަކުން ވޯޓު ދިން ގޮތް--

އަދި އެ ގަރާރާ ދެކޮޅަށް އިސްލާމީ ގިނަ ގައުމުތަކާއި އަދި ރަޝިއާ އަދި ޗައިނާއިން ވަނީ ވޯޓު ދީފައެވެ.

އިންޑިއާއާ އިސްރާއީލުގެ ގުޅުންތައް ފަހަކަށް އައިސް ވަރަށް ބޮޑަށް ބަދަހިވިނަމަވެސް އިންޑިއާއިން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

މިއީ އެމެރިކާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހޭލީ އދ.އަށް ހުށަހެޅުއްވި އެންމެ ފަހުގެ ގަރާރުތަކުގެ ތެރެއިން ގަރާރެކެވެ. ނިކީ އަކީ އިސްރާއިލުގެ ދިފާއުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މިއަހަރު ނިމުމުން އެ ކަމަނާ އިސްތިއުފާ ދެއްވާނެއެވެ.

އދ. ގެ ވޯޓުގެ ނަތީޖާއާ ގުޅިގެން ހަމާސް އަދި ފަލަސްތީނުގެ ފަތަހަ ޖަމާއަތުންވެސް ވަނީ އެ ނިންމުމަށް މަރުހަބާކިޔައި ހަމާސްގެ ދިފާއުގައި ވޯޓު ދިން ގައުމުތަކަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް