ރަންބީރާ ދެމީހުން ވަކިވުމަކީ ލިބުނު ނަސީބެއް: ކެޓްރީނާ

ކެޓްރިނާ އަދި ރަންބީރު--

ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ދެމީހުންގެ ގުޅުން ނިންމާލައިފައި ވާއިރު، ކެޓްރީނާ މިވަނީ ގުޅުން ނިމުނު ފަހުން އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.

ކެޓްރީނާ ބުނީ އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އެއީ އެއަށްފަހު އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނުމުގެ ފުރުސަތު ލިބުމުގެ އިތުރުން އޭނާގެ ވިސްނުމާއި ނަޒަރިއްޔާ ވެސް މުޅިން ބަދަލުކޮށްލި ކަމަކަށް ވާތީއެވެ.

ރަންބީރާއި ވަކިވުމަށްފަހު ހުރިހާ ވަގުތެއް ހުސްކުރީ އަމިއްލަ ނަފްސު ދެނެގަތުމަށް ކަމަށާއި، އެފަދަ ފުރުސަތެއް ލިބޭނީ މަދު ފަހަރަކު ކަން ކެޓްރީނާ ފާހަގަ ކުރިއެވެ.

ކެޓްރީނާ ބުނީ ރަންބީރުގެ ހަނދާންތަކާ ދުރުވެ މުޅިން އައު ފެށުމަކުން ފަށަން އެންމެ ބޮޑަށް އެހީތެރިވީ އޭނާގެ މަސައްކަތް ކަމަށެވެ.

ކެޓްރީނާގެ ފިލްމު 'ޒީރޯ' ރިލީޒްކުރަން ކައިރިވެފައި ވާއިރު، އޭނާ މިހާރު ކުރަމުން އަންނަނީ ސަލްމާން ޚާން އާއެކު އަލީ އައްބާސް ޒަފަރުގެ ފިލްމު 'ބާރަތު'ގެ މަސައްކަތެވެ.

ރަންބީރު މަސައްކަތް ކުރަމުން އަންނަނީ އަޔާން މުކަރްޖީގެ ފިލްމު 'ބްރަހްމާސްތުރަ'ގައި ލޯބިވެރިޔާ އަދި ކެޓްރީނާގެ އެންމެ ގާތް އެކުވެރިޔާ އާލިއާ ބަޓް އާއެކުއެވެ.

comment ކޮމެންޓް