ސިޓީ ކައުންސިލުތަކާ އަލުން ބާރުތައް ހަވާލު ކޮށްފި

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކައުންސިލުތަކުގެ އަތުން ނަގާފައިވާ މުހިންމު މަސްއޫލިއްޔަތުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ދިނުމަށް، ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދޫކުރި ބާރުތައް:

  • ރާއްޖޭގެ ބިމާބެހޭ ގާނޫނާއި ލޭންޑް ޔޫސް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން، ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި، ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، ރާއްޖޭގެ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުމުގެ މަސްއޫލިއްތަު
  • ސިޓީތަކާއި ސިޓީތަކުގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި، ސިޓީ ކައުންސިލްގެ ސަރަޙައްދު ތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލެވުމުގެ ޒިންމާ
  • ސިޓީތަކުގައި ހިންގާ ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ވަނީ ސިޓީ ކައުންސިލްތަކާ އަލުން ހަވާލު ކޮށްފަ އެވެ.
  • އަދި ކައުންސިލްތަކުގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި، ކައުންސިލްތަކުގެ އުޅަނދުފަހަރާއި މަގުތަކާއި ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީތަކުގެ މަގުތައް ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން
  • އަދި، ރަށް ގިރުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި، މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމާއި، ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސްއޫލިއްޔަތު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދޫކުރި ބާރުތައް:

މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާ

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ދޫކުރި ބާރުތައް:

  • ޒިންމާއެއްގެ ގޮތުގައި އޮތް، މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ދޫކުރި ބާރުތައް:

ސިޓީތަކުގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އިން ދޫކުރި ބާރުތައް:

އިޖްތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދޫކުރި ބާރުތައް:

ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން

ވަޒީރުންގެ މަޖިލީހުން ނިންމެވީ، ސިޓީ ކައުންސިލްތަކަށް އަލުން ދޫކޮށްލެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ މަސްއޫލިއްޔަތުތައް އެ ކައުންސިލްތަކުން އަދާކުރަމުން ގެންދާނީ، އެ ކަމަކާ ގުޅުންހުރި މިނިސްޓްރީއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައި ހެދުމަށެވެ.

comment ކޮމެންޓް