ތެލަށް ބަރޯސާވާ ވަރު މަދުކުރުމަށް މިނިސްޓަރު ގޮވާލައްވައިފި

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން--

ރާއްޖޭގައި ތެޔޮ ބޭނުން ކުރާ ވަރު މަދު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ފޮވާލައްވައިފި އެވެ.

މިއަދު ކުޑަ ބަނޑޮހުގައި ފެއްޓި "ނިއު އެނަރޖީ އިންޑަސްޓްރީ ކޮންފަރެންސް އެންޑް ޓެކްނިކަލް ޓުއާ އޮފް މަލަހިނި ކުޑަ ބަނޑޮސް ރިސޯޓް" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުން އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުވުމަށް އިސްނެގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިއަދު ފެެއްޓި ކޮންރަފެންސުގެ އެންމެ ބޮޑު އަމާޒަކީ، އެންވަޔަރަމަންޓް މިނިސްޓރީ އިން ބުނި ގޮތުގައި، ރާއްޖޭގެ ރިސޯޓުތަކުގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ ޚަރަދުބޮޑު ކަމަކަށް ވާތީ، ރާއްޖެ އިން ލިބެން ހުރި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ޚަރަދުކުޑަކޮށް ކަރަންޓު އުފެއްދޭނެ ގޮތްތައް ތަޢާރަފުކުރުމެވެ.

އެ ކޮންފަރެންސަކީ ކޮރެއާ ސަރުކާރުން ކުރިއަށް ގެންދާ "އެންހޭންސް އެނަރޖީ އެފިޝިއަންސީ އެންޑް ޕްރޮމޯޓް ރިނިއުއަބަލް އެނަރޖީ އިން ދަ އޭޝިއާ ޕެސިފިކް ރީޖަން" މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މި ކޮންފަރެންސަކީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ކޮރެއާ ބެޓެރީ އިންޑަސްޓްރީ އެސޯސިއޭޝަނުން މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ކޮންފަރެންސެކެވެ.

ބަނޑޮހުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމުގައި ހިމެނެނީ 290 ކިލޯވޮޓްގެ ސޯލާ ޕީވީ ޕެނަލްއާއި 977 ކިލޯވޮޓްއަވާގެ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއި 295 ކިލޯ ވޮޓްގެ ޕަވާ ކޮންވާޝަން ސިސްޓަމެކެވެ. އެ ސިސްޓަމް ހިންގާ ބަލަހައްޓަނީ ސިސްޓަމާއި ގުޅާލައިފައިވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) އެއް މެދުވެރިކޮށެވެ. މި ސިސްޓަމުން ދުވާލަކު އެއް މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް