ނާއިބު ރައީސް އެޗުއައިވީ އަށް ޓެެސްޓްކޮށްފި

ނާއިބު ރައީސް މިއަދު އެޗުއައިވީ ޓެސްޓް ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އެއިޑްސް ދުވަހާ ގުޅިގެން މުޅި ދުނިޔޭގައި ހިންގަން ފައްޓާފައިވާ "ނޯ ޔުއާ ސްޓޭޓަސް" ކެމްޕޭންގެ ދަށުން ނައިބު ރައީސް ފައިސަލް ނަސީމް އެޗުއައިވީ އަށް ޓެސްޓުކުރައްވައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން އިންތިޒާމްކުރާ "ނޯ ޔުއާ ސްޓޭޓަސް" ކެމްޕެއިން މިއަދު ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއިޑްސް ބަލިން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ހިންގާ އެކި އެކި ޕްރޮގްރާމްތައް ބެލުމާއި ހިންގުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ. އަދި މި ނިޒާމު ގާއިމުކުރެވިގެންދިޔުމަކީ ޚަރަދުކުޑަވެ، ފަސޭހައިން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ މިންވަރު އިތުރުނުވެ ހިފެހެއްޓިފައިވުމީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، މިފަދަ ކާމިޔާބީއެއް ހާސިލްކުރުމުގައި އެއިޑްސްއަށް ޓެސްޓުކޮށް އެމީހެއްގެ ހާލަތު ދެނެގަނެވިފައި އޮތުމަކީ މިބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެއިޑްސް ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ މަސައްކަތް ފާހަގަކުރައްވައި މިފަދަ ތަންތަނަށްދެވޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ބާރުއެޅުއްވި އެވެ.

ނައިބު ރައީސް ވަނީ ވީހާ ވެސް ގިނަ މީހުން އެއިޑްސް ބައްޔަށް ޓެސްޓްކުރުމަށް ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ އެ ބަލި ޖެހޭ މީހުންގެ އުމުރުފުރަޔަކީ ކުރިން 30 އަހަރާއި 40 އަހަރެވެ. ނަމަވެސް 2003 ވަނަ އަހަރުން ފެށިގެން މިހާރު އެ ބަލި ޖެހުނު މީހުންނަށް ބަލި ޖެހުނީ 18 އަހަރާއި 24 އަހަރާ ދެމެދުގެ އުމުރެއްގަ އެވެ. އަދި 2017 ވަނަ އަހަރުގެ ނިޔަލަށް، 25 ދިވެއްސަކަށް ވަނީ މި ބަލި ޖެހިފަ އެވެ.

comment ކޮމެންޓް