އިހުތިޖާޖު ކުރުމުގެ ގޮތުން، ދަނޑުވެރިކަމުން ލިބުނު ފައިސާ މޯދީއަށް ފޮނުވައިފި

އިންޑިއާގައި އުފައްދާ ފިޔަލުގެ ތެރެއިން 50 ޕަސެންޓު އުފައްދަނީ ނަޝިކް ޑިސްޓްރިކްޓުގަ -- ފޮޓޯ: އައިއޭއެންއެސް

ދިއްލީ (ޑިސެމްބަރު 3): އިންޑިއާގެ ދަނޑުވެރިއަކު ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، ފިޔާ ވިއްކައިގެން ލިބުނު ފައިސާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވައިފި އެވެ.

މަހާރަޝްތުރާގެ ނަޝީކް ޑިސްޓުރިކްޓުގެ ދަނޑުވެރިއެއް ކަމަށްވާ ސަންޖޭ ސާތޭ ބުނި ގޮތުގައި މިމޫސުމުގައި އޭނާއަށް ވަނީ 750 ކިލޯގެ ފިޔާ ލިބިފަ އެވެ. ނަމަވެސް މާރުކޭޓުން އެފިޔާ ގަންނަން ހުށަހެޅީ ކިލޯއަކަށް އެއް ރުޕީސްވާ ގޮތަށެވެ. އަދި މާރުކޭޓުގައި ތިބި މީހުންނާ ވާހަކަ ދައްކައިގެން އޭނާއަށް ވަނީ ކިލޯއަކަށް 1.40 ރުޕީސްވާ ގޮތަށް 750 ކިލޯ ވިއްކާލެވިފަ އެވެ. އެހެންކަމުން އޭނާއަށް ޖުމްލަކޮށް ލިބުނީ 1،064 ރުޕީސް އެވެ.

އަދި އެފައިސާ ބޮޑުވަޒީރަށް ފޮނުވަން ނިންމީ، ދަނޑުވެރިން ކުރިމަތިލާން ޖެހޭ އުނދަގޫތަކަށް ސަރުކާރުން އިސްކަންނުދޭތީ އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

"ހަތަރު މަހުގެ ބުރަ މަސައްކަތަށް އެހާ ކުޑަ މިންވަރެއް ލިބުމަކީ ވަރަށް ދެރަވާ ކަމެއް. އެހެންވެ އިހުތިޖާޖު ކުރުމުގެ ގޮތުން ބޮޑުވަޒީރުގެ އޮފީހުގެ ޑިޒާސްޓާ ރިލީފް ފަންޑަށް އެ 1،064 ރުޕީސް ފޮނުވީ. އެ ފައިސާ ފޮނުވަން އިތުރު 54 ރުޕީސް ވެސް ހަރަދު ކުރަން ޖެހުނު. އަހަރެން އެއްވެސް ޕާޓީއެއް ތަމްސީލު ނުކުރަން. ނަމަވެސް އަހަރެމެންގެ އުނދަގޫތަކާ މެދު ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑުނުވާތީ ހިތްހަމަނުޖެހޭ." ސާތޭ ބުންޏެވެ.

މިދިޔަ މަހުގެ 29ގައި އިންޑިއާ ޕޯސްޓް މެދުވެރިކޮށް ސާތޭ ފޮނުވި ފައިސާ އެޑްރެސްކޮށްފައި އޮތީ "އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ"އަށެވެ.

އިންޑިއާގައި އުފައްދާ ފިޔަލުގެ ތެރެއިން 50 ޕަސެންޓު އުފައްދަނީ ނަޝިކް ޑިސްޓްރިކްޓުގައި އެވެ.

comment ކޮމެންޓް