ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބޭއްވި އިންތިހާބު ލަތީފާ ކާމިޔާބު ކުރައްވައިފި

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބު ލަތީފާ ގާސިމް ކާމިޔާބު ކުރައްވައިފިއެވެ.

ކުރީގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް އައްޔަން ކުރައްވާ މެމްބަރުކަން ވެސް ފުރުއްވާފައިވާ ލަތީފާ އެ އިންތިޚާބު ކާމިޔާބު ކުރެއްވީ 283 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ލިބިވަޑައިގަތީ 163 ވޯޓެވެ.

ފަސް ވަކީލުން ވާދަކުރެއްވި އެ އިންތިޚާބުގައި ގާނޫނީ ވަކީލު މުހައްމަދު ފައިސަލަށް 63 ވޯޓު ލިބިވަޑައިގަތްއިރު ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގަތީ 19 ވޯޓެވެ. ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމަށް ލިބިވަޑައިގަތީ އެންމެ 10 ވޯޓެވެ.

އެ އިންތިޚާބު ބޭއްވުމަށް ދެ ފަހަރެއްގެ މަތިން ކުރިން އިއުލާން ކުރިނަމަވެސް ކޯޓުތަކުން ނެރުނު އަމުރުތަކާ ގުޅިގެން އިންތިޚާބު ފަސްކުރަންޖެހުނެވެ. އެ އިންތިޚާބާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު އުސޫލުގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ވޯޓުލުމަށް ރަޖިސްޓްރީ ނުކުރާ ރަށްރަށުގައި ވޯޓުލުން ކުރިއަށް ނުގެންދާ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެއްސުމަށް އަމުރެއް ނެރުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު