ކުޑަދޫ ޕްރައިވެޓް އައިލެންޑު ހުޅުވައިފި

ޅ. ކުޑަދޫގައި ތަރައްގީ ކުރި ޕްރައިވެޓް އައިލެންޑް -- ފޮޓޯ: ކުޑަދޫ

ޅ. އަތޮޅުގައި ހިންގާ ހުރަވަޅި އައިލެންޑު ރިސޯޓުން އޮޕަރޭޓުކުރާ ޕްރައިވެޓް އައިލެންޑު، ކުޑަދޫ މޯލްޑިވްސް ހުޅުވައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު އޮޕަރޭޓުކުރާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ތަރައްގީކުރި ކުޑަދޫ އަކީ ލަގްޒަރީ ޕްރައިވެޓް އައިލެންޑެކެވެ. "ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި"ގެ ނަމުގައި ހިންގާ މި ޕްރައިވެޓް އައިލެންޑު އޮންނަނީ ހުރަވަޅި ކައިރީގަ އެވެ.

ރިސޯޓުގައި ފަސް ތަރީގެ 15 ވޯޓާ ވިލާ ހުރެ އެވެ. މިއިން ކޮންމެ ވިލާއަކީ އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ރެޒިޑެންސްތަކެކެވެ. މިއިން ކޮންމެ ރެޒިޑެންސަކަށް ވެސް ބަޓްލާ ސާވިސް ލިބޭނެ އެވެ. އަދި ކޮންމެ ވިލާއެއްގައި އިންފިނިޓީ ޕޫލެއްގެ އިތުރުން އެ ރިސޯޓަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ފަރުނީޗަރާއި އެންމެ ފަހުގެ އިލެކްޓްރޯނިކް ސާމާނާއި ފުލީ އޮޓޮމޭޓެޑް ލައިޓު ސިސްޓަމަކާއި އައިމެކް ކޮމްޕިއުޓަރެއްގެ އިތުރުން އައިޕީޓީވީގެ ޚިދުމަތް ލިބޭނެ އެވެ.

މި ރިސޯޓުގައި އެއް ކޮޓަރީގެ ރެސިޑެންސް އުޅެނީ 3200 ޑޮލަރުގަ އެވެ. ދެ ކޮޓަރީގެ ރެސިޑެންސްގެ އަގު އުޅެނީ 4600 ޑޮލަރުގަ އެވެ.

ޅ. ކުޑަދޫގައި ތަރައްގީކުރި ޕްރައިވެޓް އައިލެންޑް -- ފޮޓޯ: ކުޑަދޫ

ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ތަރައްގީކުރި، އަދި ޖަޕާނުގެ އާކިޓެކްޓް ޔޫޖީ ޔަމަސާކީގެ ޑިޒައިނަކަށް ހަދާފައިވާ މި ރިސޯޓުގައި އެކްސްކްލޫސިވް ރެސްޓޯރަންޓެއް ހުންނަ އިރު، ހުރަވަޅީގެ ތިން ރެސްޓޯރަންޓުގެ ތެރެއިން ރެސްޓޯރަންޓަކުން ކެއުމަށް އިންސާފުކުރުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ޅ. ކުޑަދޫގައި ތަރައްގީކުރި ޕްރައިވެޓް އައިލެންޑުގެ އިތުރުން ތިން ރިސޯޓެއް އެ އަތޮޅުގައި ހިންގަ އެވެ. އެއީ ހުރަވަޅި މޯލްޑިވްސް، ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ކޮމަންޑޫ އައިލެންޑް ރިސޯޓެވެ. އަދި ޅ. އަތޮޅު އިންނަހުރާ މޯލްޑިވްސް ރިސޯޓުވެސް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް