ވިލިނގިލިން ފިހުނު ދެ ފުލުހުން އިތުރު ފަރުވާއަށް ތިނަދުއަށް ފުރުވާލައިފި

ވިލިނގިލީ ޕޮލިސްޓޭޝަންގެ، ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވެ އަނދަނީ: އެ ހާދިސާގައި ފިހުނު ދެ ފުލުހުން މިހާރު ވަނީ ތިނަދު އަށް ފުރުވަލައިފައި -- ސަން ފޮޓޯ/ކިޔުންތެރިއެއް

ގއ. ވިލިނގިލީ ޕޮލިސްޓޭޝަންގެ، ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވެ، ފިހުނު ދެ ފުލުހުން އިތުރު ފަރުވާއަށް ގދ. ތިނަދުއަށް ފުރުވަލައިފި އެވެ.

އެހާދިސާ ހިނގައިފައިވަނީ މިރޭ 1:30 ހާއިރު އެވެ. މިހާރު އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފިހުނު ދެ ފުލުހުން ތިނަދުއަށް ފުރުވާލީ މިރޭ 3:45 އެހައިކަންހާއިރުއެވެ. އެމީހުން ތިނަދުއަށް ފުރުވާލީ ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުއެވެ.

އެނގިފައިވާ ގޮތުގައި ފިހުނު ދެ ފުލުހުންގެ ތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ދެ ފުލުހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.

ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން "ސަން" އަށް މިރޭ ވިދާޅުވި ގޮތުގައި އެ އިމާރާތުގައި ރޯވީ އެ ދެ ފުލުހުން ނިދާފައި ތިބި ކޮޓަރީގައެވެ.

އޭނާ ވިދާޅުވީ، ބެލެވޭ ގޮތުގައި އެ އެ އިމާރާތުގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

ފުލުހުންނާއި ބައެއް ކައުންސިލަރުންނާއި އަދި އާންމު ރައްޔިތުން ގުޅިގެން އަންނަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް