އިންޑި އާއި ރާއްޖެއާ ދެ ގައުމުގެ ފަހުގެ ގުޅުމުގެ ތެރެއިން އެެއްބަސް ނުވަނީ ކޮންކޮން ކަމެއްތޯ ނުބުނެ، އެއްބަސްވީ ކޮންކޮން ކަންތައްތަކަށްތޯ ސާފުކޮށް ދެެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު ގޮވާލައިފި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ފަދަ ގުޅުންތަކެއް މިއަދުގެ ސަރުކާރުން އިންޑިއާ އެކު ގާއިމު ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ މި ދަނޑިވަޅުގައި ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެއްވެސް ގައުމަކުން ގުޅުމުގެ ތަފްސީލް ހާމަކޮށްފައި ނުވާ ކަމަށެވެ.
"ނުކުރާ ކަންތައްތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ދެ ސަރުކާރުން ވެސް އެބަ ޖެހޭ ގުޅުމުގެ ތަފްސީލް ހާމަކުރަން،" އދ. ސްޕެޝަލް ރެޕަޓުއާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝަހީދު ވިދާޅުވި އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް ސަރުކާރުން ހުއްދަ ދިން ކަމަށް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަ ފޮރިން މިނިސްޓްރީ އިން ރޭ ވަނީ ދޮގުކޮށްފަ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ގައުމުގެ ސިފައިން ރާއްޖޭގައި ދާއިިމީކޮށް ބޭތިއްބުމުގެ ބަދަލުގައި ރާއްޖޭގެ ދަރަނި އަދާ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ލުއި ލޯން ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި މީގެ ދެ ދުވަސް ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމަށް ޝަރުތު ކޮށްފައިވާ ކަމަށް އެ ރިޕޯޓްތައް ބުނެ އެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާނެ ފަދަ އެއްވެސް ބައިނަލްއަޤްވާމީ ނިންމުމެއް ނުނިންމާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.