ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށް ރޭ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، ވިލިފުށީ ދައިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕިއެމްގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި، ރިޔާޒު ޖެޕީއަށް ސޮއި ކުރެއްވުމަށް ފަހު، އެ ޕާޓީ އިދާރާ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ޕާޓީއާ ގުޅިވަޑައިގަތީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށާއި އެއީ ޑިމޮކްރަސީއާއި ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމުމެއް ކަމަށެވެ.
"މިރޭ އަޅުގަނޑު މާބޮޑަށް މިތާގައި [ގާސިމްއަށް] ތައުރީފުކޮށްފި ނަމަ ބަޔެއް ބޭފުޅުން ހިއަތައް އަރާފާނެ، ވަރަށް ބޯޑު އެއްޗެއް ލިބިގެންނޭ މިއުޅެނީ. އަޅުގަނޑު މިތަނަށް އައިސް މިހުރީ އެކަހަލަ އެއްވެސް އެދުމެއް އަޅުގަނޑުގެ އޮވެގެންއެއް ނޫން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ޖެޕީއަށް ސޮއި ކުރެއްވި ސަބަބު ހާމަ ކުރައްވާ އޭނާ ވިދާޅުވީ، އެއީ އޭނާގެ ދާއިރާގައި ފަށާފައި ހުރި މަސައްކަތްތަކާއި ދާއިރާގެ ގިނަ ޒުވާނުންނާއި އެތައް ބައެއްގެ ވަޒީފާތަކާއި އެމީހުންގެ މުސްތަގުބަލަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
މަޖިލީހުގައި ތިންވަނަ ދައުރެއް އަދާކުރައްވަމުން އަންނަ ރިޔާޒު ވިދާޅުވީ އޭނާ ޖެޕީއާ ގުޅިވަޑައިގަތުމަށް ނިންމި ނިންމުމަކީ ސަޕްރައިޒް ނިންމުމެއް ނޫން ކަމަށާއި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިނަށް ވެސް އެ ވާހަކަ ދެންނެވި ކަމަށެވެ.
"ޕީޕީއެމްއާ ވަކިވެގެން އައި އިރު ޕީޕީއެމްގެ ހުރިހާ އިއްޒަތްތެރި މެމްބަރުނާ އަޅުގަނޑު ބައްދަލުކުރިން. ބައްދަލުކުރެއްވުމަށް ފަހު އަޅުގަނޑު ދެންނެވިން [ޕީޕީއެމްއިން ވަކިވާ ވާހަކަ]. އަދި ޕާޓީގެ ރައީސް، ރައީސް ޔާމިނަށްވެސް އަޅުގަނޑު ދެންނެވިން، މި ނިންމުން [ޕީޕީއެމް އިން ވަކިވާން] އަޅުގަނޑު އެބަ ނިންމަވަމޭ،" ރިޔާޒް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެގެ ލިޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަ ދައްކަަވަމުން ރިޔާޒު އިތުރަށް ވިދާޅުވީ، ގާސިމްއަށް ބޮޑު ކަމެއް ޖެހޭ ކޮންމެ ފަހަރަކު ގާސިމްގެ އަރިހުގައި އޭނާ ހުންނަވާ ކަމަށާއި އެގޮތުން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައިވެސް ގާސިމް އަރިހުގައި ހުންނެވި ކަމަށެވެ. އަދި މާޒީގައި ވެސް ހުންނެވި ގޮތަށް މުސްތަގުބަލުގައިވެސް ގާސިމްގެ އަރިހުގައި ހުންނަވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރިޔާޒުގެ ވާހަކަ ދެއްކެވުން ނިންމާލަމުން ވިދާޅުވީ ދެން އޭނާ ފެނިގެން ދާނީ މަޖިލީހުގެ ތެރޭގައި ޖޭޕީ ތަމްސީލު ކުރައްވާ އެންމެ ވަރުގަދަ އެއް މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އަންނަ މާޗު މަހު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.