ޖަޕާން އެމްޕަރާގެ އުފަން ދުވަސް ފާހަގަކޮށްފި

އެމްޕަރާ އޮފް ޖަޕާން އަކިހީޓޯގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ޖަޕާނަކީ ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމުގައި ގިނަ އެހީތަކެއްވާ ގައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހިސް މެޖިސްޓީ ދަ އެމްޕަރާ އޮފް ޖަޕާން އަކިހީޓޯގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނުގެ އެމްޕެރާ އަށާއި ޝާހީ އާއިލާއަށާ އަދި ޖަޕާނުގެ އެންމެހާ ރައްޔިތުންނަށް ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފަ އެވެ.

ރޭ ފާހަގަ ކުރީ ޖަޕާން އެމްބަރާގެ 85 ވަނަ އުފަން ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާއި ދެމެދުގައި ޒަމާނުއްސުރެ އޮންނަ ރަޙްމަތްތެރި ގާތް ގުޅުމާއި އިތުބާރާއި އެއް ގައުމު އަނެއް ޤައުމު ދަންނަ މިންވަރު ހާމަކުރެއްވި އެވެ. އަދި ރާއްޖެއަށް ޖަޕާނު ސަރުކާރުން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތައް ފާހަގަކުރައްވައި އެކަންތައްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެ އާއި ޖަޕާނު ގުޅިގެން އިތުރު ކަންކަން ކުރިއަށްގެންދިއުމާ އެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

comment ކޮމެންޓް