ފަސްޓް ލޭޑީ (7)

ހެނދުނު މިކާލް ހާޑްތަކާއި އެއްޗެހި ގެނެސް ފާރުގައި ހުރި ތަސްވީރެއްގެ ފުރަގަހުގައި ހުރި ސިއްރު ވަތްގަނޑަކަށް ލިއެވެ. އެތަނުގައި ތިޖޫރީއެއް ކަހަލަ ތަނެއް ހުރުމުން ޚުދު ހަޔާތީއަށްވެސް ސިހުމެއް ލިބުނެވެ. މިކާލްގެ މިފަދަ ކިތައް ސިއްރުތައް ހުންނާނެބާވައެވެ.

"މިލިޓަރީ މީހުން އައިސް ގެ އެފުށް މިފުށަށް ޖެހިޔަސް މި ތަނެއް ނުފެންނާނެ. ހަޔާ ނުދައްކައްޗޭ އިނގޭ. އަހަންނަށް އެނގޭ އަހަރެންގެ ލޯބި އަހަންނަށް ގެއްލުމެއްވާން ނޭދޭނެކަން. ކީކޭ ބުނަނީ ޕްރިންސެސް.................." މިކާލް ހަޔާތީގެ ދެކޮނޑުގައި ހިފަހައްޓާފައި ބާރުކޮށްލިއެވެ. ކޮންމެވެސް މީހަކު ބެލް އަޅާލި އަޑު އިވުމުން ހަޔާތީ ދެލޯ ބޮޑުކޮށްލިއެވެ. މިކާލް ހަޔާތީގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. ހަތަރުކަޅި ހަމަވީވަގުތު މިކާލްގެ ފުންމިން ނޭގޭ ދެލޮލުން ހަޔާތީއަށް ފެނުނު ލޯބިން ހިތަށް އެތައް ހާސް އަސަރެއްކުރުވައިފިއެވެ. ބަސްމޮށުމަކާ ނުލައިވެސް އޭނައަށް ހިތްވަރުދީފިއެވެ.

"މިކާއަށްޓަކާ އަހަރެން ކޮށްފައި ނުކުރާނެކަމެއް ނޯންނާނެ. އެންމެ ލޯބިވި ފެމިލީ ދޫކޮށްލީވެސް މިކާއާއި އެކު އުޅެން. ހިތަށް އަރާ މިކާ ޓްރަސްޓްކޮށްފައި ހުރިހާ ސިއްރެއް ކިޔާދޭނެނަމައޭ....." ހަޔާތީ މިކާލްގެ ގަދަ ބުމައިގާ އިނގިލިތައް ހިންގައިލީ މަޑުމަޑުންނެވެ.

"ހެހެ. ފުރަތަމަ ބަލަމާ މިގެއަށް މިއައި އަންއިންވައިޓެޑް ގެސްޓުންނަކީ ކޮބާކަން........." މިކާލް ހަޔާތީގެ ކޯތާފަތުގައި ހިފާލުމުން މޫނު ރަތްވާގޮތްވިއެވެ. އެހާ ނާޒުކް ހަމެކެވެ. ހަޔާތީ ފަސް އެނބުރި ބަލައިލިއިރު މިކާލް ގޮސް ދޮރު ހުޅުވާލައިފިއެވެ. މިކާލް ބުނިހެން ދޮރު ހުޅުވާލުމާއިއެކު ސިފައިންގެ މުށި ފެހިކުލައިގެ ޔުނިފޯމްތައް ލޮލުގެ ހިމަކޮޅުން ފެނުނެވެ. ހަޔާތީ އަނެއް ފަރާތަށް އެނބުރުނުއިރު މުޅި ކުއްޖާ ފިނިވެއްޖެއެވެ. ހިތް ތިރިއަށް ސޮއްސާލައިގެން ވެއްޓުނަސް ކުރެވޭނީ އެފަދަ ނުބައި އިހުސާސްކެވެ. މޭ އަންދާ ކަހަލަ ގޮތެއްވިއެވެ. މަޑު މަޑު ތުރުލުމެއް ހުރި އިނގިލިތަކުން ބޮލުގައި އޮތް ބުރުގާ ރަގަޅުކޮށްލެވުނެވެ. އެމީހުން އޭނައާއި ސުވާލު ކުރާނެބާވައެވެ. އޭނަ ކައިރިން އަހައިފިނަމަ ކެރިގެން ދޮގުހަދަން ކެރޭނެބާވައެވެ. އޭނަ ބިރުން ހުރި އެއްވެސް ކަމެއްކުރިމައްޗެއް ނުވިއެވެ. ފުރަތަމަވެސް ސިފައިން އެމީހުންނަކީ ކޮންބަޔެއްކަން އޮޅުން ފިލުވާދިނެވެ. އެއީ ސްޕެޝަލް ފޯސްމީހުންނެވެ. ވަދެގަތީ ހަތިޔާރާއިއެކުގައެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ކޯޓަރު އޯޑަރަށް މިގެ ސާޗުކުރަން މިއައީ....." ސްޕެޝަލް ފޯސް މީހަކު ކުރިއަށް ޖެހިލިއެވެ.

"ޔޫ އާ ވެލްކަމް. ބޭނުންވަރަކަށް ސާޗްކުރަންވީ......." މިކާލްގެ ތުންފަތުގައި ހުރީ ލާނެތް ހިނިތުންވުމެކެވެ. މިވަގުތު މޫނުމަތިން ފެންނަން ހުރީ އަމިއްލަ ނަފުސަށް އިތުބާރުކުރާފަދަ ގޮތެކެވެ. ވަރަށް ކެރިގެން ހުރެ ސިފައިންނާ ހަތަރުކަޅި ހަމަކޮށް ވާހަކަދެއްކިއެވެ. ހަޔާތީވެސް ހުރީ އޮޅިފައެވެ. "މިރޭ އުފަލުން ނުނިދިފާ" ފަދަ ސްޓޭޓަސްތައް ޖެހިޔަސް އެއީ އިއްތިފާގަކީހެއްޔެވެ؟ އެ އަމަލުތަކާއި މިކާލްގެ އެއްވެސް ގުޅުމެއް ހަމަ ނެތީ ބާވައެވެ. މިކާލް މައުސޫމްހެއްޔެވެ. އެކަމަކު ހަޔާތީ ދެނެހުރިގޮތުން ހަތިޔާރާއިއެކު މިގޮތަށް ސްޕެޝަލް ފޯސް އަންނާނީ ޓެރަރިޒަމްފަދަ ބޮޑެތި ތުހުމަތުތަކުގައެވެ. ހަތިޔާރު އަޅަނީ މިފަދަ ތަނަކުން ކޮންމެފަދަ ބޮޑު ނުރައްކަލެއްވެސް ދިމާވެދާނެކަމަށް ބަލާފައެވެ.

ސިފައިން ގޭގެ ހުރިހާތަނެއްހެން ފާސްކުރިއެވެ. އަލަމާރިތަކާއި އެނދުތަންދޮށަށް ދާންދެން ބެލިއެވެ. ނުވީތާކަށް މިކާލްގެ ކޮމްޕިއުޓަރުގެ ހާޑްވެސް ގެންދިޔައެވެ. ފޯނުވެސް އަތުލިއެވެ. މިކާލް އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ އެމީހުން ބޭނުންވިހާ އެއްޗެއް ދިނީ ހަމަޖެހިލައިގެން ހުރެއެވެ.

"އައިމް ސޮރީ މަފިންސް. މިހާ ހާސްކޮށްލެވުނީމަ..." މިކާލް ހަޔާތީގެ ކައިރިއަށް ޖެހިލާފައި ހަމައެކަނި އޭނައަށް އިވޭވަރަށް ބުނެލީ މާފަށް އެދޭ ފާޑަކަށެވެ. ލޯތްބާއި އޯގާތެރިކަން އެކުލެވުނުއިރު ހަޔާތީގެ ހިތަށްވެސް ފިނިކަން ލިބުނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު މިކާލްގެ އަތުގެ މުލައްދަނޑީގައި ހިފާލެވުނީ ބޯ ހޫރާލަމުންނެވެ.

"އިޓްސް އޯލްރައިޓް މިކާ.. އިޓްސް އޯކޭ.." ހަޔާތީ ބުނެލީ ވައި އަޑަކުންނެވެ.

އެމީހުން މިކާލްގެ އޮފީސްބަޔަށް ވަނުމުން ހަޔާތީ ނުތަނަވަސްކަމާއެކު ސޯފާގައި އިށީދެ ޓީވީ ޗެނެލް ބަދަލުކުރަމުން ދިޔައިރު ޚިޔާލުގެ ވާފަށް އެއްލާލާފައި އޮތީ މާ ދުރަށެވެ. "ސަޖަލްއަށް މިކާގެ ފަރާތުން މިސްޓީރިއަސް ވައިބެއް ފީލްވާގޮތަށް އަހަރެން ވައިފްގެ ގޮތުގައި ހުރެ ހަމަ ސޭމް ފީލިން މިވަނީ......." ހަޔާތީ ހިތްހަމަނުޖެހިފައި އިނދެ ވިސްނައިލިއެވެ.

"މަންމަ...." ހަޔާތީ މަޑުމަޑުން ދޮރު ހުޅުވައިލާފައި މަންމަ އެތެރެއަށް ވެއްދިއެވެ. މަންމައަށް އިންޒާރުދޭންވެގެން އަނގަ ހުޅުވައިލިތަނާ ސްޕެޝަލް ފޯސް މީހުން މާ ހައިބަތުކޮށް ހިނގާލާފައި ބާރުބާރަށް ނުކުންނަން އައިތަން ފެނުމުން މަންމަ އެމީހުންނަށް ތަންދެމުން އަވަހަށް އެއްފަރާތަށް ޖެހިލީ މޭގައި އަތް އަޅައިލަމުންނެވެ. ހަޔާތީ އަވަހަށް މަންމަ އަތުލަފިކޮށްގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

މިކާލް ސިފައިން ނުކުތުމުން ދޮރު ލައްޕައިލަނިކޮށް ހަޔާތީގެ ހަޅޭކުގެ އަޑު އިވިފާ ދުވެފައި ކަހަލަ ގޮތަކަށް އެ ދިމާލަށް އައެވެ. އޭރު މުފުތިހާގެ ބަރުދަން ހަޔާތީއަށް ނުހިފެހެއްޓި ގޮސް ބިންމަތީގައި ޖެހިއްޖެއެވެ. މުފުތިހާ އަނބުރައިގަތީއެވެ. މިކާލް އޭނަގެ މަންމަ އުފުލާލައިގެން ގޮސް ސޯފާމަތީ ބާއްވާފައި މޫނުގައި ފިނިފެން އުނގުޅާހަދަނިކޮށް ދެލޯ ހުޅުވައިލިނަމަވެސް ތެދުވާނެ ވަރެއްނެތެވެ.

"މަންމާ ކިހިނެއްވީތަ؟ "

"ސިފައިން ހަތިޔާރާއިއެކު ވަނީ ކީއްކުރަން؟ " މުފުތިހާ އަހާލައިފިއެވެ.

"މަންމާ. އެކަމާ ނުވިސްނާ. އެމީހުން ގޮއްސި އެމީހުންނަކަށް މިގެއިން އެކައްޗެއްވެސް ނުފެނުނު ކަމެއް ނުފެނުނު. ކުރާނެ ކަމެއް ނޭގިގެން ވަގުތު ބޭކާރުކުރަން އެކުދިންކޮޅު މިގެއަށް އައީ. އެމީހުން އެދިޔައީނު...................."

"މަންމަ މާ ބޮޑަށް ހާސްވީއޭ. ކީއްކުރަން އެހާ ގިނަ ސިފައިން އައީ. މިގެއިން ގެންދިޔައީ ކޯންޗެއްތަ؟ މަންމައަށް މާ ބޮޑުކަމެއްނުވޭ. އަނބުރައިގަތީ. މަންމަ ހިތާމަނުކުރާވަރެއް ނޫނޭ ދަރިފުޅާ. ސަމާގެ ޚަބަރެއްނުވެގެން އުޅެނިކޮށް މިގެއަށް ސިފައިންގެ ފައުޖެއްވަނީމަ ނުބައި އަސަރުތަކެއްކުރީ. " މުފުތިހާ ތެދުވެ އިށީދެއްޖެއެވެ. އޭރުވެސް މޫނުގައި އެހެންދުވަހު ހުންނަ އުޖާލާކަމެއް ނެތެވެ. ހަޔާތީވެސް ކަންބޮޑުވެފައި މުފުތިހާ ގެ އަނެއްފަރާތުގައި ދެފައި ސޯފާއަށް އަރުވައިގެން އިށީދެ ބަލަން އިނެވެ.

"މިކާ މަންމަ ގެންދަންވީ ނު ކެޝުއަލްޓީއަށް. ހެޑް އިންޖަރީއެއްނު.." ހަޔާތީ ކަންބޮޑުވިއެވެ.

"މަންމައަކަށް ކަމެއްނުވެއޭ. އެތާކަށް ނުދާނަން. ދަރިފުޅާ. ސިފައިން ބުނީ ކީކޭ؟ " ދެވަނަފަހަރަށްވެސް މުފުތިހާ ސުވާލުކުރިއެވެ.

"އާދު ސީރިއާއަށް ދިޔައީމަ. އަޅުގަނޑަށްވެސް ޝައްކުކޮށްގެން. މަންމަގެ ބޮލަށް އަނިޔާވެފައި އެބަހުރިތަ؟" މިކާލް ތެދުވެ މުފުތިހާގެ ބޮލުގައި އަތްލާ ޗެކްކުރިއެވެ. ދުޅަތަނެއް އޮތުމުން އައިސްޕެކެއް ގެނެސް ބޮލުގެ ފުއްކިބައިގާ ޖައްސާންފެށިއެވެ.

"މަންމާ. އިމަޖެންސީއަށް ދައްކާފައި އަންނާނީ. މަންމަގެ ލޭ މަތި އިރު މިކަހަލަ އަނިޔާއެއްވީމަ ޑޮކްޓަރަށް ދައްކާލުން ފެންނަނީ. ހަޔާ މަންމައަށް ހެލްޕްވެލަން ދޭބަލަ. އަހަރެން ކާރެއް ގެނުވާނަން. މަންމަ ތައްޔާރުކޮށްދީ......" މިކާލް މަންމަ އަތުލަފިކޮށްގެން ކޮޓަރިއަށް ގެންގޮސް އެނދުގައި ބައިންދާފައި ބައްޕައަށްވެސް ގުޅިއެވެ. ބައްޕަ ހުރީ ހުޅުމާލޭގައި ކަމުން އިރުކޮޅެއްވާނެކަމުގައި ބުނެލިއެވެ. ހަޔާތީ މައިދައިތަ ތައްޔާރުކޮށްލަދޭން އުޅުމުން ހިލާ އެއްބަހެއްނުވިއެވެ. އަމިއްލައަށް ވާނެކަމުގައި ބުނެފައި ފާޚާނާއަށް ވަނުމުން ހަޔާތީ ނުކުތްއިރު އޭނަގެ މަންމަމަތިން ހަނދާންވެ ލޮލުން ކަރުނަ ހިލުނެވެ. ދުވަހަކު މަންމަމެންގެ މާފު އޭނައަށް ނުލިބޭނެ ހެއްޔެވެ؟

އިމަޖެންސީއަށް ދެއްކިއިރު މުފުތިހާގެ ލޭގެ ޕްރެޝާވެސް ތަންކޮޅެއް މަތިވެފައި އަތް ދުޅަކަމުން އެކްސްރޭއެއެއް ނަގާފައި އޮބްޒަވޭޝަނުގައި ބާއްވަން ޑޮކްޓަރު ލަފާދެއްވިއެވެ. މިކާލް މަންމަގެ ޚިދުމަތުގައި ހުރިހާ އިރެއްވާންދެން އިނީ ތިމާގެ ބަލި ހާލު ހަދާންނައްތާލާފައެވެ. މިކާލްވެސް މުޅިން ހުން ރަގަޅުވީއެއް ނޫނެވެ. ނަމަވެސް މަންމަގެ ހައްގު އަދާކުރަން މިކާލް ފަސްނުޖެހި ކައިރީގައި އިނެވެ. މަންމަ ކާ ހިތްވާ ކަހަލަ ކެއުމެއް ގެނެސްދީ ބޯނެ އެއްޗެހި ގެނެސްދިނެވެ. ހަޔާތީ ލައްވާ އެއްވެސް ކަމެއް ނުކުރުވިޔަސް މިކާލް އަތުން ލައްވާފައި ކާންދިނީމަ ކެއެވެ. ކައި ނިމުނުން ތުންދޮއްވާ ދިނީވެސް މިކާލްއެވެ. ނުވީތާކަށް ފުނާވެސް އަޅުވާދިނެވެ. މުފުތިހާގެ މޫނުމަތިން ދުވަހަކު ނުފެންނަ ފަދަ އުފާވެރިކަމެއް ފެނުނެވެ. އެތަނަށް ވަން ނަރުހުންވެސް މިކާލްއަށް ބަލާވަރުން ހަޔާތީ އިނީ އުދަގޫވެފައެވެ.

"މީހެއްގެ ފިރިއެއްކަން އެނގުނަސް ބަލާވަރުން....." ހަޔާތީއަށް ނީދެވިގެން ކިޔާލިއެވެ.

"އެކަން ދެނެހުރީ އާއިލާ މީހުންނަށާއި މިކާގެ ގާތް ރަހުމަތްތެރިންނަށް......." މުފުތިހާ ހަޔާތީއަށް ހަނދާންކޮށްލަ ދިނުމުން ހަޔާތީވެސް ކަންބޮޑުވެފައިވާ ނަޒަރަކުން މިކާލްއަށް ބަލަންފެށިއެވެ.

"ހެހެ....." މިކާލް އޮރެންޖެއް މަށަން އިނދެފައި ހަމަ އެކަނި ހީލީއެވެ.

"ދަރިފުޅާ. މިކައިވެނި ކޯޓުގައި ރެޖިސްޓްރީ ކޮށްލަން މަންމައަށްވެސް ފެނޭ. ނޫނީ މީހުންގެ ފަރާތުން ބަދުބަސްތަކާއި ޝައްކުތައްކޮށް ހަޔާތީގެ އަބުރު ކަތިލަންފަށާނެ. އަވަށްޓެރިންވެސް ޝައްކުކުރާނެ. ބައެއްމީހުން އަހާ ހަޔާތީ ކުއްޔައް ހެއްޔޯ މިބައިގާ އުޅެނީ؟ މިކާލްއާއި އިންނަން ދޯއޭ އުޅެނީ. މަންމަ އެކަހަލަ ސުވާލުތަކަށް ޖަވާބެއްނުދެން. އެކަމަކު މިހެންއިނދެ ހަޔާތީ ބަނޑުބޮޑުވެއްޖެއްޔާ.....އޭރުން ބަދުނާމުވާނީ ހަޔާތީ. ނޫސްތަކުގައި ހުރޭ ދަރިފުޅުމެން ތިހަދާ ގޮތަށް ރެޖިސްޓްރީ ނުކޮށް ވަކި ދީނީ ޖަމާއަތެއްގެ ބަޔަކު ކައިވެނިކޮށް ހަދާ ވާހަކަ. ދަރިފުޅަށްވެސް އެނގެންވާނެ ދަރިން ލިބުނަސް ރެޖިސްޓްރީ ނުވެ މާލޭގައި އުޅެން ފަސޭހަނުވާނެކަން. މުޖުތަމައުގައި އެބަޔަކު އުޅޭގޮތަށް އުޅެގެން ފަސޭހަވާނީ........" މުފުތިހާ ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އެކަމާ ނުވިސްނާ މަންމާ. އަޅުގަނޑު ތިކަމާއި އުޅެނަން...."މިކާލް ހީލިއެވެ. މަންމައަށް އޮރެންޖް ކާންދީ ނިމިގެން އެނދުގައި ބާއްވާފައި ރަޖާ އަޅާލަދިނެވެ. ނިދެންދެން އެކި ވާހަކަތައް ދައްކަން މަންމަ އަތުގައި ހިފަހައްޓާލައިގެން އިންތަން ފެނިފައި ރަގަޅު ފިރިހެންދަރިއެކޭ ހަޔާތީ ހިތަށްއެރިއެވެ. މަންމަ ނިދި ހަރުވުމުން ތެދުވެގެންގޮސް މިކާލް އިށީނީ ހަޔާތީގެ ކައިރީގައި ސޯފާގައެވެ. ކޮލުގައި ވިކާލިއެވެ. އިތުރު ގޯނާއެއްކުރާކަށް ފުރުސަތެއް ނުލިބުނެވެ. މިކާލްގެ ބައްޕަ ޔާސިރު ވަނީއެވެ. މިކާލްއާއި އިރުކޮޅެއްވާންދެން ބައްޕައާއި ވާހަކަ ދައްކާލަން އިނެވެ. ސިފައިން އެގޮތަށް އެގެއަށް ވަދެގަތީމަ އެކަމާއި ޔާސިރު ހުރީ ހިތްހަމަނުޖެހިފައެވެ. ކޯޓު އަމުރެއް ހޯދައިގެން ވަނުމުން އެމީހުންނަށް ލިބުނީ ކޮން މޮޅެއްހެއްޔޭ އަހައިލިއެވެ. އާއިދުގެ އެކުވެރިންނަށް ޖެއްސުންކުރުމުގެ ހައްގު އެމީހުންނަށް ލިބިފައެއްނުވެއޭ ބުނެލީ ރުޅިވެރިކަމާއިއެކުގައެވެ.

މިކާލްއާއި ހަޔާތީގެ ކައިވެނި ކޯޓުގައި ރެޖިސްޓްރީކުރާކަށް މިކާލް އަދިވެސް ނޫޅެއެވެ. އެކައިވެނިކުރީ އިސްލާމީ އުސޫލުތަކާއި އެއްގޮތްވާގޮތަށޭ ކިޔާފައި މިކާލްގެނައި ގާޒީއެކެވެ. ހަޔާތީގެ މައިންބަފައިން ވަރިވުމަށްފަހު މަންމަ ދިރިއުޅެނީ ދޮންބައްޕައާއިއެކުގައެވެ. މަންމަ އެ ކައިވެންޏާއި ހިތްހަމަނުޖެހުނަސް އޭނަގެ ބައްޕަ ވަލީ ދިނެވެ. ހަޔާތީގެ އެކުވެރިންގެ ތެރެއިން ސަޖަލްއަށް އޭނައާއި މިކާލް ކައިވެނިކޮށްގެން އުޅޭކަން އެނގުނަސް އެހެން މީހުން ދަންނަނީ މިކާލްގެ ލޯބިވެރިޔާކަމުގައެވެ. މިޒަމާނުގައި ލޯބިވެރިންނާއިއެކު ސައިކަލް ދުއްވުމާއި އެކީ އުޅުމަކީ މާ ބޮޑުކަމަކަށް ނަހަދާމީހުން އުޅޭތީ ހަޔާތީއަށްވެސް ވަރިހަމަކޮށްލާފައި އުޅެވެނީއެވެ. އެހެންނޫނަސް މީހުން ކިޔާ އެއްޗަކަށް އޭނަ އަޅާލަންވީ ކީއްވެހެއްޔެވެ؟ އޭނަގެ އިއްޒަތާއި އަބުރަށް ހިރަފުސްއަރާވަރުގެ ކަމެއް އޭނަ ކޮށްފައެއްނުވެއެވެ. މިކާލްއަކީ ދީނީގޮތުން އޭނަގެ ފިރިމީހާއެވެ.

ޔާސިރު ކުރުނުކޮށްގެން މިކާލްއާއި ހަޔާތީ ކާންވެގެން ހޮސްޕިޓަލުގެ ކެންޓީނަށް ވަނެވެ. ނަސީބަކުން މިގަޑީގައި އެތަން އޮތީ މުޅިން ހުހަށް ކަހަލަގޮތަކަށެވެ. ހަޔާތީ ނެގީ ނޫޑުލްސްއެކެވެ. މިކާލް ބިރިޔާނީއެކެވެ. އެއްކޮށް ކާން ތަންދޫރީ ޗިކަންއާއި ފޮނި އެއްޗެއްވެސް ގެނައެވެ. ޓްރޭތައް ހިފައިގެންގޮސް އެންމެ ކަނުގައި ހުރި މޭޒުގައި ދެމަފިރިން ޖައްސައިލިއެވެ.

"ހިނގާ ރިއަލް ކޮށް މެރީކުރަން؟ " ހަޔާތީ ބުނެލިއެވެ.

"ކިހިނެއްތަ؟ " މިކާލް އެއްލޯ ކުޑަކޮށްލިއެވެ.

"ކޯޓަށްގޮސް..."

"ބޭކާރުކަމެއްނު. ހަޔާ ބޭނުންވަނީވެސް މިގޮތަށް ލޯބިވެރިންހެން އުޅެން. ވީމަ އަދި އެހާ އަވަސް އަރުވާލައިގެން އެކަމާ ނޫޅުނަސް ހެޔޮވާނެ......"

"މިކާ ތިބުނި އެއްޗެއް ނޭގުނު."

"ދެމަފިރިން އުޅޭގޮތަކަށް އަދި ނޫޅެމެއް ނޫން ހޭ މިބުނީ.."މިކާލްގެ ޖުމްލައިން ރަކިވާގޮތްވެ ހަޔާތީގެ މޫނަށް ހޫނުވާގޮތްވިއެވެ. މިކާލް މިހާ ލަދުރަކިއިރު ބައެއްފަހަރު ހިތަށް އެރި އެއްޗެއް ކިޔާލަން ޖެހިލުމެއްނުވާނެއެވެ. ނަމަވެސް އެއީ އަދި އެހާ ބޮޑު ވާހަކައެއްވެސް ނޫނެވެ. ހަގީގަތް ހާމަކުރީއެވެ. އެދެމީހުން ނިދަނީ ދެތާގައެވެ. ދެލޯބިވެރިންނަށްވިޔަސް އެ ރޮގު ހުރަސްކުރަން ޖެހިލުންވަނީ ކާކުކަމެއް ނޭގެއެވެ.

"ވެލް........"

"ބައެއްފަހަރު ހިތަށް އަރާ އަހަރެން ރިގްރެޓްކުރަން ނުޖެހޭނެ ބާވައޭ. ބައެއްކަންތައް ކުރަން ހިތަށް އަރާފައި ނުކޮށް ހުއްޓާ ވަގުތު ފާއިތުވޭ. ބުނަން ނުޖެހޭ އެއްޗެހި ބުނެގެންވެސް ފަހުން ދެރަވޭ. އެނީވޭސް ބައެއްކަންތައް ހަމަ ސްލޯކޮށް ގެންދިޔައީމަ ބޮޑަށް އޭގެ ހިތްހަމަޖެހުން ލިބޭނީ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެ. އެކަމަކު ހަމަ ކޯޓަށްގޮސް މެރީކުރުމުގެ ބޭނުމެއް ނުފެނޭ. ބޭބީ ރަގަޅަށް ވިސްނާފައި ބުނެބަލަ. ހަމަ އެހާ ކުރަން ޖެހޭ ކަމަކީތަ......... " މިކާލް އުލުން ނައްޓައިލި މަސްކޮޅެއް ހަޔާތީގެ އަނގައިގާ ލެއްވިއެވެ.

"ޔަމީ.." ހަޔާތީ ދެލޯ މަރައިލިއެވެ.

" ހޫމް އެނގެއޭ. މިކާ އެމީހުންގެ ފަލްސަފާ ގަބޫލުކޮށްގެން އެގޮތަށް ގޭގައި ކައިވެނިކޮށް ވަކި ޖަމާއަތެއް ހަދާ ނަމާދުކޮށްގެން އުޅުން ރަގަޅީ؟ މިކާ ވިސްނާލަބަލަ. މިއޮތް ކުޑަ މުޖުތަމައު ފަސާދަވަނީ އެކަހަލަ ފިކުރުގެ ދީނީ މީހުން އައީމަ. ބައިބައިވެ އެކި ދީނީ ޖަމާއަތްތައް ހަދާ އެއްބަޔަކު އަނެއްބަޔަކަށް ޖައްސާލާ ތަފުކީރުކުރީމަ މުސްލިމުން ނިކަމެތިވެ ބަލިކަށިވަނީ. މިކާ އާދުގެ ފިކުރުކަމަށް ގަބޫލެއްނުކުރަން. އެކަމަކު އައިމް އެފްރެއިޑް. ސްޕެޝަލް ފޯސް އެގޮތަށް ވަދެގަތީމަ ވަރަށް އެހެންކަހަލަ ބިރުވެރި އިހުސާސްތަކެއް ކުރެވުނީ. އެކްޝަން ފިލްމެއްގެ މަންޒަރުހެން. މިކާ އަހަންނާއިމެދު ނުވިސްނިޔަސް މަންމައާއިމެދު ވިސްނާ. އާދު މަންމަހެނެއް މަންމަ ނުވާނެ. މަންމަގެ ހުރިހާވެސް މީހަކީ މިކާ. މިކާ އެގޮތަށް ހިޖުރަކޮށްފިއްޔާ މަންމަ ހިތް ހުއްޓިދާނެ. ޝީ ލަވްސް ޔޫ މޯ ދޭން އެނީތިން..." ހަޔާތީ މަޑުމަޑުން ވާހަކަދެއްކިއެވެ.

"ޔޫ ނޯ ވަޓް؟ ތިހާ ސީރިޔަސްވީމަ މަފިންއަކާ ނުގުޅޭ...." މިކާލް މަޑުމަޑުން ހަޔާތީގެ ނޭފަތުކުރީގައި އިނގިލި ޖައްސައިލިއެވެ. ހަޔާތީ ކުޑަކޮށް ދޫ ނެރެލިއެވެ. އަދި ނޫޑުލްސް އުލުގައި އޮޅާލައިގެން އެތިކޮޅެއް ކާލިއެވެ." ޔަޕް އައިމް ސީރިޔަސް. ސިފައިން މިކާ ފްރޭމްކޮށްފައި ހައްޔަރުކުރަން އުޅެފާނެތަ؟ އައި މީން މިކާ ކުށެއް ނުކުރިޔަސް......"

"ހާސްނުވޭ. ލަވް. އައި ހޭވް އިންސައިޑާސް.............."

"ވަޓް ޑޫ ޔޫ މީން. ސިފައިން ގެ ތެރޭ މިކާގެ މީހުން އުޅެއޭތަ. އަހަންނަށް މިކާ އެނގޭތާ ކިތައް އަހަރުކަމެއް ނޭގޭ. އެކަމަކު އަހަންނަށް މިކާ އަދިވެސް ދަސްނުވަނީތަ. ވަޓް އެކްޒެކްޓްލީ އާ ޔޫ ހައިޑިން މިކާ. މިކާ ގޭންގް ލީޑަރަކީތަ؟ މާފިޔާތަ؟ އެހެންނޫންނަމަ ސިފައިންގެ ތެރޭ މިކާގެ މީހުން އުޅޭނެއޭ ނުބުނާނެއްނު................" ހަޔާތީ މިކާލްގެ އަތުގައި ހިފަހައްޓައިލިއެވެ.

"ނުބަލައްޗޭ އިނގޭ. އާދައިގެ ހެދުމެއްލައިގެން ގޮސް ކާ އެއްޗަކަށް އޯޑަރުދޭން އެހެރީވެސް އިންޓެލިޖެންސް ބައިގެ މީހެއް. ދޭ އާ ފޮލޯވިން މީ. އަހަރެން އެހާ ޑަމްބްކަމަށް ހީކޮށް؟ އިންޓެރެސްޓިން. ބަޓް.... އައިމް ކައިންޑާ ލައިކިން އިޓް. އެމީހުންނަށް ފާރަލާން އެނގޭގޮތަށް އެހެން މީހުންވެސް ތިބޭނީ ދެލޯ މަރާލައިގެން ކަންފަތުގައި އުނގުރި ޖަހައިގެން ނޫންކަން އެނގޭނެ......................." މިކާލްގެ ވާހަކައިން ހަޔާތީގެ ހިތުގައި ބިރުވެރިކަން އަށަގަތްވަރުން ކޮށްނޭރީ ކިރިޔާއެވެ. މިކާލްގެ ފަހަތުގައި ހިޔަނިހެން އޭނަގެ ހަރަކާތްތަކަށް ފާރަލަމުން އިންޓެލިޖެންސް އިން އުޅޭ ވަރުގެ ނުރައްކާތެރި ކުށްވެރިއަކަށް އޭނަގެ މިކާލްއެއް ނުވާނެއެވެ. ނަމަވެސް މިކާލްވަނީ ހުރިހާ ހެއްކެއް ފޮރުވާފައެވެ. މިކާލް ފޮރުވަނީ ކިހާވަރެއްގެ ސިއްރެއްބާވައެވެ. ހަޔާތީގެ ކަރުބެދޭފަދަ ގޮތެއްވިއެވެ. "މައި މޭން އިޒް ކްލެވާ" ހަޔާތީ ހިތާހިތުން ކިޔައިލިއެވެ.

ހަޔާތީ ނޫޑުލްސްގެ ދިގު ފަށެއް ލަސްލަހުން އަނގަޔަށް ލާންފެށިއެވެ. މިކާލް މަޖާވެފައި ފޮޓޯއެއްނެގިއެވެ.

"ކިއުޓް...."

"މިކާ ގަނޑާ. ދެން ޖެހޭތަ ފޮޓޯނަގަން.." ހަޔާތީ އަނގަފުރެންދެން ލައިގެން ހުރެ ވާހަކަދެއްކިއެވެ.

"މިކަހަލަ ފޮޓޯތައް އެންމެ ރީތިވާނީ. މިކުއްޖާ ކާއިރު ލޯބިކަމުން ހަމަ ކާންޓް ރެޒިސްޓް..........."

"މިކާ އިނދޭ ފޮޓޯ ނަގަން. މި ތަށި ހުސްކޮށްލާފައި މިކާގެ ލަންޗްވެސް ކާލާނަން...." ހަޔާތީ އެހެން ބުނެލާފައި ވެސް ނޫޑުލްސްކޮޅެއް މިކާލްގެ އަނގައިގާ ލައްވާލައިފިއެވެ.

ސަމާސާ ވާހަކަތަކެއްގައި ތިބެ ކައި ނިމުނެވެ. މިކާލްގެ ހުއްދަ ހޯދައިގެން ހަޔާތީ ސަޖަލްއާއިއެކު ބާޒާރުކޮށްލަން ދިޔައެވެ. އެކުވެރިއެއްގެ އުފަންދުވަސް އަންނާތީ ކަމުދާކަހަލަ ހަދިޔާއެއް ހޯދަންކަމަށެވެ. ހިތްހަމަޖެހޭވަރުގެ ހަދިޔާއެއް ޕާރުސަލްކުރުވުމަށްފަހު ގެއާއިކައިރިއަށް ދެވުމުން ހަޔާތީ ގަސްތުކުރީ ފެންވަރާ ތާޒާވެލުމަށެވެ. ސަޖަލްއަށް ކާރެއް ހޯދަދީފައި ގޯޅިގަނޑަކުން ލަބާލިއެވެ. މަޑުމަޑު ހިނގުމެއްގައި ދަނިކޮށް އެއްފަރާތެއްގައި މަޑުކޮށްލައިގެން ތިބި ޒުވާނުންތަކެއް ފެނުނެވެ. އިސްތަށިގަނޑު ތަންކޮޅެއް ދިގުކޮށްލާފައި ތިބުމުން "ޑީސެންޓް" ބަޔެއްނޫނޭ ހިތަށް އަރާފައި ހަޔާތީގެ ހިތަށް ބިރުވެރިކަމެއްވަނެވެ. އަނބުރާލާފައި ދާން ހިތަށް އެރިތަނާ އެތަނުން ޒުވާނަކު ކުރިބެއްދިއެވެ.

"ޝިޓް.. ޝީޒް މިކާލްސް ގާލް...." ކުއްލިއަކަށް އެހެން ޒުވާނަކު އެހެން ބުނުމުން ކުރިބެއްދި ކުއްޖާވެސް ކަންބޮޑުވެފައި އެއްފަރާތަކަށް ޖެހުނުގޮތުން ހަޔާތީ ހައިރާންވިއެވެ. މިކާލްގެ އަންހެންކުއްޖާއޭ އެބުނީ ކީއްވެހެއްޔެވެ؟ އެމީހުންނަށް ވީގޮތުން ލަފާކުރެވުނީ އެންމެ އެއްޗެކެވެ. މި ޒުވާނުންނަށް މިކާލް އެނގޭކަމެވެ. އެމީހުން މިކާލްއަށް އިހުތިރާމްކޮށް ބިރުގަންނަކަމެވެ. ހަޔާތީއާއި އެގޮތަށް ދިމާކުރެވުނީތީ އެންމެން ހިމޭންވެ ހާސްވެ މާފަށް އެދުނުގޮތުން ހީކުރެވޭނީވެސް އެގޮތަށް ނޫންހެއްޔެވެ. މިއީ ކޮން ގޭންގެއްގެ ބަޔެއްބާވައެވެ. މިކާލް މިފަދަ ގޭންގަކަށް ނިސްބަތްވާނެކަމަށް ގަބޫލުކުރާކަށް ހަޔާތީ ތައްޔާރެއް ނޫނެވެ. އަވަސް ފިޔަވަޅުތަކެއްގައި ކުރިއަށް ދިޔައިރު އެމީހުންގެ މޫނުތައް ކޮންމެވެސް ވަރަކަށް ސިކުނޑީގެ ކެމެރާގައި ރައްކާކުރިއެވެ.

ފިނިފެނުން ހަށިގަނޑު ތާޒާކޮށްލުމަށްފަހު ތުވާލި ގައިގާ އޮޅާލައިގެން ނިކުތެވެ. ތުވާލި އޮޅާލައިގެން ފާޚާނާއިން ބޭރަށް ނިކުންނަން ނުކެރޭއިރު މިއަދު ދިމާ އިދިކޮޅެވެ. ލިބުނު މިނިވަންކަމަށްޓަކާ ކުޑަކޮށް ނަށާލާފައި މަޖާކޮށް ލަވައެއްކިޔަން ފެށިއެވެ. ގޮތްގޮތަށް ތުއިވެލާފައި ސެލްފީނެގިއެވެ. އެކަނިމާއެކަނި މިހެން ހުންނަން ލިބޭނީ މަދު ފަހަރެއްގައެވެ. ފުލުފުލުގައި މެސެޖް އަންނާން ފެށުމުން ވައިބާ ގްރޫޕް ޗެކްކޮށްލިއިރު ޝައުން މަރައިލި ކަމަށް ޝައްކުކުރެވޭ ބަޔަކު ހައްޔަރުކުރި ވާހަކައެވެ.

"ރަގަޅަށް ވިއްޔާ މީހުން މައިތިރިކުރަން ފުލުހުން ގޭންގްކުދިންކޮޅެއް ހިފެހެއްޓީ. ހިފެހެއްޓިވަރަށްވުރެ އަވަހަށް ދޫވެސް ކުރާނެ. ޝައުން ގެ ގާތިލު މިހާރުވާނީ ސަލާމަތުން ރާއްޖެއިން ބޭރުގައި. ޑާޓީ ޕޮލިޓިކްސް..." ހަޔާތީ ގެ މަޑު ހުނުމުގެ އަޑު ކޮޓަރިތެރޭ ގުގުމައިލިއެވެ.

ފޯނު ރިންގުވާންފެށުމުން ބަލައިލިއިރު މިކާލްގެ ވީޑިއޯ ކޯލެކެވެ. ހާސްވިވަރުން އެއްފަރާތަކަށް ފޯނު އެއްލާލާފައި އަވަހަށް ޓީޝާޓެއް ބޮލުން ވައްޓާލިއެވެ. ޖިންސް ތަންކޮޅެއް ބާރުކަމުން ގަދަކަމުން ފަޔަށް ލައްވައިގެން ހުރެ ދަމާ މައްޗަށް އެރުވިއެވެ. އަވަސްގޮތަކަށް ބުރުގާ އެޅިއެވެ. ނޭވާ ހަމަޔަކަށް އަޅުވަމުން ފަރިގޮތަކަށް އެނދުގައި އިށީދެލާފައި ވީޑިއޯ ކޯލް ޖެއްސިއެވެ.

"ހައި މިކާ ލަވް.........."

"ހާދަ ލަހުން ފޯނު ތިނެގީ. ކީއްކޮށްލަނީ؟ " މިކާލް އެހިއެވެ.

"މި. މި ހަމަ ޝޮޕިން ކޮށްލާފައި ދެންމެ ގެއަށް މިވަނީ......"

"މަފިން ތީ ދޮގު ހަދާއުޅޭ ކުއްޖެއްކަމަށް ހިޔެއްނުކުރަން. ބަސްޓް ވެފައެއް ނު ޕްރިޓީ............ " މިކާލް ލާނެތްގޮތަކަށް ހީލިއެވެ.

"ކީއްވެ ތިހެން ބުނީ؟ " ހަޔާތީގެ ހިތުގެ ތެޅުން އަވަސްވިއެވެ. މިކާލް އެހެން ބުނީ ކޮންކަމެއް އެނގިގެން ހެއްޔެވެ؟ ވަށައިގެން ހޯދައިލެވުނީ ކެމެރާއެއް އެއްޗެއް ހަރުކޮށްފައި ހުރިތޯބަލާށެވެ. މިކާލްގެ ހުނަރު އޭނަވަނީ ދެކެފައެވެ. ތަސްވީރެއްގެ ފުރަގަހުގައި ފާރުގައި ތިޖޫރީއެއް ހަދާފައިވާ ޒުވާނަކަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ކޮޅަށް ތެދުވުމާއިއެކު ހާސްކަމާއިއެކު ބަލަންފެށުނީ ސިއްރު ކެމެރާއެއް ހަރުކޮށްފައިވާ ތޯ ބެލުމަށެވެ. އެހެންވެއްޖެއްޔާ އޭނަ މިކާލް މަރާލާނެއެވެ.

(ނުނިމޭ... )

https://sun.mv/112115

comment ކޮމެންޓް