ބަސް ސްޓޮޕްތަކުގެ ހިދުމަތް ފަށަނީ

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މިޔަދު މީޑީޔާއަށް ދެއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މާލެ އާއި ހުޅުމާލެއާ ދޭތެރޭގެ ދަތުރުތަކަށް ފަސޭހަ ކުރުމުގެ ގޮތުން ގާއިމް ކުރަން ނިންމާފައިވާ އިތުރު ބަސް ސްޓޮޕްތަކުގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 100 ދުވަހުގެ ތެރޭގައި ކުރުމަށް ވައުދު ވެފައިވާ ކަމެކެވެ.

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވައުދު ފުއްދަން ބޭނުންވާ ރޭވުންތައް ނިންމައި އެ ސްޓޮޕްތަކުގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ހުޅުމާލޭގައި ބަސް ސްޓޮޕުތައް، ފެރީ ޓާމިނަލް ހުރި ހިސާބުން އިއްޒުއްދީން މަގާ ހިސާބަށް ބަހައްޓާނެ ކަމަށެވެ. އެއީ ނެއިބާހުޑްތަކަށް ފަސޭހައިން ވަދެވޭނެ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަސް އަޅުގަނޑުމެން މި ހަމަޖައްސަނީ ދަތުރު މިހާރު ގޮއްސަ އެމްޕްޓީ ސްޕޮޓުގައި މަޑެއް ނުކުރާނެ. ހުޅުމާލެގެ ތެރެއަށް، ނެއިބާހުޑްގެ ތެރެއިން ވަދެގެން ގޮސް ނިރުޅު މަގު ކަވާ ކުރާނެ. ނިރޮޅު މަގު ކަވާ ކުރީމަ ހުޅުމާލެއަށްދާ މީހަކަށް ކޮންމެ ފަރާތަކަށް ދިޔަސް އެކްސެސް ވެވޭނެ ވަރަށް ފަސޭހައިން."

"އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މިނިސްޓްރީން މަޝްވަރާ ކޮށް ހެދުމަށް ފަހު މިހާރު އޮތީ ޕްލޭން އެކުލަވާލެވި އިމްޕްލިމެންޓިން ސްޓެޖުގައި. އެހެންވީމަ އަޅުގަނޑަށް ހީވަނީ، ކުރިއަށް އޮތް މަދު ވަގުތުކޮޅެކޭ އަޅުގަނޑު ދަންނަވާނީ، މަދު ދުވަހެއް ނޫން. މަދު ވަގުތުކޮޅެއްގެ ތެރޭގައި އިތުރު ކުރި ބަސް ސްޓޮޕްތަކުގައި އެ ބޯޑު ހަރުކުރުމަށް ފަހު އެޓްލީސްޓް އަޅުގަނޑުމެންނަށް ހިދުމަތް ފަށައިގަނެވޭނެ." ރަފީއު ވިދާޅުވި އެވެ.

މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން ސަރަހައްދެއް ކަނޑައެޅުމަކީ ވެސް ރައީސް ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ބޭނުންވާ ހުރިހާ ކަމެއް ރާވާފައިވާ ކަމަށާއި މިހާރު ދަނީ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް ރިފާއު ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސުގައި ވަނީ މާލޭގައި މުދާ އުފުލާ ވަގުތުތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ހަލާކުވާ ފަދަ މުދާ ގެންދިޔުމަށް 24 ގަޑިއިރު ވަނީ ހުޅުވާލެވިފަ އެވެ. އަދި ކޮންޓެއިނަރުތަކުގައި ހުންނަ މުދާތައް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް އުފުލޭ ގޮތަށް ވަނީ ހަދާފަ އެވެ.

comment ކޮމެންޓް