އދ. މަޖިލިސް (ނޮވެމްބަރު 27): އަޒޯފް ކަނޑުގައި ޔުކްރޭންއާއި ރަޝިޔާއާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުމާ ގުޅިގެން އެމެރިކާ ރަޝިޔާއަށް އިންޒާރެއް ދީފިއެވެ.
އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބު ނިއްކީ ހޭލީ ވިދާޅުވީ ރަޝިޔާއިން ޔުކްރޭންގެ ސިޔާދަތަށް އަރައިގެންފައިވާ ކަމަށާ ރަޝިޔާއިން ވަރަށް އުދުވާނީ ގޮތެއްގައި ޔުކްރޭނާ ދިމާކުރަމުން ގެންދާކަމުގައެވެ. އަދި އަޒޯފް ކަނޑުގައި ރަޝިޔާއިން ހިފެހެއްޓި ޔުކްރޭންގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި އެއުޅަނދުތަކުގެ ފަޅުވެރިން ދޫކޮށްލުމަށްވެސް ނިއްކީ ހޭލީ ރަޝިޔާއަށް ގޮވާލެއްވިއެވެ. މި ކުރިމަތިލުމުގައި ރަޝިޔާއިން ޔުކްރޭންގެ ކަނޑުގެ ސިފައިންގެ 24 މީހަކު ހައްޔަރުކޮށް ތިން އުޅަނދު ހިފަހައްޓާފައިވާކަމަށް ޔުކްރޭނުން ބުނެއެވެ.
މިމައްސަލާގައި ޔޫރަޕްގެ އެތަށް ލީޑަރުންނެއްވެސް ވަނީ ރަޝިޔާ ކުށްވެރި ކުރައްވައި ބަޔާންތައް ދެއްވާފައެވެ. އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ ރަޝިޔާއަށް ބަހުގެ ޙަމަލާތައް ދެއްވާފައެވެ. ރަޝިޔާ ބުނާގޮތުން މިމައްސަލަ ހިނގީ ޔުކްރޭންގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދު ކްރެޗް ކަނޑުއޮޅި ހުރަސްކޮށް އަޒޯފް ކަނޑަށްވަދެ އެކަނޑުގައިވާ ރަޝިޔާގެ ސަރަހައްދަށް ވަނުމުންނެވެ.
މިކުރިމަތިލުމުގައި ރަޝިޔާއިން ޔުކްރޭންގެ ކަނޑުގެ ތިން އުޅަނދަށް ހަމަލާދީ ހަ މީހުން ޒަޚަމްކޮށްލުމުގެ އިތުރުން 24 މީހުން ހައްޔަރުކޮށް އެ އުޅަނދުތައް ހިފަހައްޓާފައިވާކަމަށް ޔުކްރޭނުން ބުނެއެވެ. މިމައްސަލާގައި ޔުކްރޭންގެ ރައީސް ޕޯޝިންކޯ ވަނީ ރަޝިޔާއިން އެގައުމާ ދެކޮޅަށް އުދުވާން ހިންގި ކަމަށް ތުހުމަތު ކުރައްވައި ރަޝިޔާ ވަރަށްބޮޑަށް ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފައެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން ޔުކްރޭންގެ އެތަށް ހާސްބަޔަކުވަނީ ވެރިރަށް ކިޔޭވްގައި ހުންނަ ރަޝިޔާގެ އެންބަސީގެ ކުރިމަތީގައި މުޒާހަރާކޮށް ރަޝިޔާއަށް ބަހުގެ ހަމަލާތައް ދީފައެވެ. ޔުކްރޭންގައި ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް އުފެދުމާއެކު ރަޝިޔާއާއި އެގައުމުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވަފައެވެ.
( ނޫސް އެޖެންސީތައް)