ޓެކްނޮލަޖީ ކުރިއެރުވުމުގެ ގޮތުން ޓެކް ކައުންސިލެއް ރާއްޖޭގައި އުފައްދަނީ

ޓެކްނޮލަޖީ އަދި ކޮމިޔުނިކޭޝަންގެ ނަމުގައި އުފެއްދި އާ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަވުމުގައި މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ޓެކްނޮލޮޖީ ކުރިއެރުވުމުގެ ގޮތުން ޓެކް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް، އާ ސަރުކާރުގައި ވުޖޫދަށް އައި ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ނިންމައިފިއެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އެ މިނިސްޓްރީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކަމާ ގުޅޭ ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯދުމަށްޓަކައި ޓެކް ކައުންސިލެއް ހެދުމަށް ނިންމާފައިވާ ކަަމަށެވެ.

ޓެކްނޮލަޖީ އަދި ކޮމިޔުނިކޭޝަންގެ ނަމުގައި އުފެއްދި އާ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަވުމުގައި މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނެ މި ސަރުކާރުގައި އެ ދާއިރާގެ ބޭފުޅުންނާއި އަދި އަމިއްލަ ފަރުދުންގެ ތެރެއިން ޒުވާނުންގެ ތެރެއިން ހުރިހާ ސެކްޓާއެއްގެ ބޭފުޅުން ހިމެނި ވަޑައިގަންނަވާ ގޮތަށް ޓެކް ކައުންސިލް އައްޔަނުކުރެވިގެން ދާނެ،" މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ރަނގަޅު އިގްތިސާދެއް ގާއިމްކުރުމުގެ ގޮތުން ބޭނުންވާ ކަަންތައްތައްތަކުން މަހުރޫމްވެފައިވާ ކަަމަށެވެ. އެގޮތުން އެޕަލްޕޭ އަދި ޕޭޕަލް ފަދަ މުހިންމު ވަސީލަތްތަކުގެ ހިދުމަތްތައް ރާއްޖޭގެ ޑިވޮލޮޕަރުންނަށް ނުލިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެކަންކަން އެންމެ އަވަަހަށް އެންމެ ފަސޭހައިން ގެންދެވޭނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ދެންނެވި ހުރިހާ ބޭފުޅުންގެ ލަފަޔާ މަޝްވަރާ ހިމެނުން. އެހެންވީމާ އަޅުގަނޑުގެ ވިސްނުމަކީ ގާތްގަނޑަކަށް 10 ވަރަކަށް ބޭފުޅުން ހިމެނޭ ކައުންސިލެއް ގާއިމްކުރުން. އަދި ހުރިހާ ދާއިރާއެއްގެ މަންދޫބުން ހިމެނޭގޮތަށް މި ދެންނެވި ކައުންސިލްތައ އެކުލަވާލުން މިސާލަކަށް އެބޭފުޅުންގެ މަޝްވަރާގެ މުހިންމު ކަންތައް މިސާލަކަށް މާސްޓާ ޕްލޭން ތައްޔާރުކުރުން." މަލީހް ވިދާޅުވިއެވެ.

އާ މަނިސްޓްރީގެ މަސައްކަތް ކުރިއަށް ދާ ގޮތް މިނިސްޓަރު މަލީހް ބައްލަވާލަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓެކް ކައުންސިލްގެ އިތުރުން ޒުވާނުންނާ ގުޅުން ހުރި ބައްދަލުވުންތައް ބާއްވާނެ ޕެނެލްއެއް ވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންގެންދާ ކަަމަށްވެސް މަލީހް ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މަސައްކަތްތައް ފެށުމާއެކު އެ މިނިސްޓްރީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގެ އެއްވައުދެއްގެ ގޮތުގައި ވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޓެކް ސަރަހައްދުތަކެއް ގާއިމްކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މަލީހް ވިދާޅުވީ އެކަންތައްތައް ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް އަވަހަށް ކައުންސިލްތަކާ ވާހަކަ ދައްކައި ބިން ތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް