ކަނޑިތީމު ދާއިރާގެ މެެންބަރު މުހައްމަދު ހުސައިން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާނު ފަހުމީ ވެސް ވަނީ އެ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ.
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާއެކު މަޖިލީހުގެ ގިނަ މެންބަރުންތަކެއް ދަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި މާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވެސް ވަނީ ދާދިފަހުން ޖޭޕީ އަށް ސޮއިކުރައްވައިފައެވެ.
މި މެންބަރުންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވެސް ވަނީ ހުސްވި ހަފްތާ ތެރޭ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފައެވެ.
މީގެ އިތުރުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވެސް ދަނީ ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގަންނަވަމުންނެވެ.