އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ އަހްމަދު މަރުޒޫގު (މަރޭ) ސިޔާސީ ދާއިރާއަށް ނުކުންނަވަން ނިންމަވައިފި އެވެ.
މަރޭ ވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ފޭދޫ ދާއިރާއަށް ކުރިމަތިލައްވަން، އެމްޑީޕީ ޕްރައިމެރީގައި ބައިވެރިވެވަޑައިގަންނަވަން ނިންމަވާފައިވާ ކަން އިއުލާނު ކުރައްވާފައިފަ އެވެ.
މަރޭ "ސަން" އަށް ވިދާޅުވީ ފޭދޫ އަކީ މީގެ ކުރިން ފުދުންތެރިކަމާ އެކު މީހުން އުޅެމުން ދިޔަ ރަށެއް ކަމަށެވެ. އެހެންނަމަވެސް، ގައުމު ސެންޓްރަލައިޒް ވުމުގެ ސަބަބުން، ޒަރޫރީ ބޭނުންތަކަށް ރައްޔިތުންނަށް ރަށް ދޫކޮށް މާލެއަށް ހިޖުރަ ކުރަން މަޖުބޫރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ މީހަކު މި ޖެހެނީ އަރާ ފުރައިގެން މާލެ އަންނަން. ހުރިހާ ގެޔެއް މި އޮންނަނީ ފަޅަށް،" އޭނާ ވިދާލުވި އެވެ.
ފޭދޫ ލާމަރުކަޒީ ކޮށް ތަރައްގީވެ އަލުން އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަހެއް ދެކެން މަރޭ ބޭނުންފުޅުވެ އެވެ. އެއީ އޭނާގެ ހުވަފެނެކެވެ. އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ފޭދޫ ލާމަރުކަޒީކޮށް ތަރައްގީ ވާނެ ކަމުގެ އުންމީދު ލިބިވަޑައިގެންފައިވާ ކަމަށް މަރޭ ވިދާޅުވި އެވެ. މަރޭ ވިދާޅުވި ގޮތުގައި އޭނާ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރުމަށެވެ.
މަރޭ ސިޔާސީ ދާއިރާ އަށް ދިޔުމަކީ ކުޅިވަރުގެ ދާއިރާއިން ތަނބެއް ގެއްލުން ކަމުގައި ގިނަ ބަޔަކު ދެކެ އެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވީ، މިވަގުތު ކުޅިވަރަށް ވެސް އެންމެ ރަނގަޅު ވާނީ އޭނާ މަޖިލީހުގައި ހުރެގެން ކަމަށެވެ.
"ކުޅިވަރަށް ވެސް އެންމެ ރަނގަޅު ވާނީ ޕާލިމެންޓަށް ގޮސްގެން. އަބަދު އަބަދު އެއް ޕާލިމެންޓު މެމްބަރު ކައިރީގައި އާދޭސް ކޮށްފައި އަނެއް ޕާލިމެންޓު މެމްބަރު ކައިރީގައި އާދޭސް ކޮށްފައި ނޫޅެވޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިން ކުޅިވަރަށް ދިން ވަރަށް މިހާރު ވަގުތު ނުދެވިދާނެ ކަމަށެވެ. ނަމަވެސް، ކުޅިވަރަށް ހިދުމަތް ކުރާނެ ގާބިލު މީހުން މިހާރު އޭނާ އަށް އުފެއްދިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މަރޭ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ މަރޭ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. މިހާރު އޭނާ ހުންނެވީ އޭނާގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމުގެ ތިންވަނަ ދައުރުގަ އެވެ.
އެ މަގާމުގައި ހުންނަވައިގެން މަރޭ ވަނީ ދިވެހި އެތުލީޓުން ތަމްރީންކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށް 2012 ވަނަ އަހަރު ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުން ސްކޮލާޝިޕް ހޯދައިދެއްވީ ވެސް މަރޭ އެވެ. އެކަން ވެގެން ދިޔައީ، ރާއްޖެ އަށް ބައިނަލްއަގްވަމީ ކުޅިވަރު މުބާރާތެއްގައި މިހާތަނަށް ލިބުނު ހަމައެކަނި ރަން މެޑަލް، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހަސަން ސާއިދު ހޯދުމަށް މަގުފަހިވި ކަމަކަށެވެ.
މަރޭގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ ކްލަބު ވެލެންސިއާ އަދި އައިއެފްސީއަށް ވެސް ކުޅެފަ އެވެ. އަދި އޭނާ ޔޫތް ލެވެލްގައި ރާއްޖެ ތަމްސީލު ވެސް ކުރި އެވެ. އަދި އޭނާ ވަނީ މީގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކެޓްރީ ކަމާއި ވިއަންސާގެ ކޯޗް ކަން ކުރައްވާފަ އެވެ.