އަންކަރާ (ނޮވެމްބަރު 25): ސޫރިޔާގެ އުތުރުގެ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ޗެކް ޕޮއިންޓްތަކެއް ގާއިމް ކުރުމަށް އެމެރިކާ ނިންމި ނިންމުމަށް ތުރުކީ ދެކޮޅު ހަދައިފިއެވެ.
ތުރުކީގެ ދިފާއީ ވަޒީރު ޚަލޫސީ އަކާރު ވިދާޅުވީ، ސޫރިޔާއާއި ތުރުކީގެ ސަރަހައްދީ ރޮނގުގައި އެމެރިކާގެ ބެލުމުގެ ދަށުން ޗެކް ޕޮއިންޓްތަކެއް ގާއިމްކުރުމަކީ ތުރުކީ އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމެއްނޫން ކަމަށާއި އެކަމުގެ ސަބަބުން ތުރުކީއާއި އެމެރިކާގެގުޅުންތަކަށް އިތުރު ނުތަނަވަސްކަން އައުމުގެ ބިރު އެބައޮތް ކަމުގައެވެ.
އަކާރު ވިދާޅުވީ، މި ޗެކްޕޮއިންޓް ތަކުގެ މައްސަލާގައި ތުރުކީ ހިންހަމަ ނުޖެހޭކަން އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯޒެފް ޑެންފޯޑަށް ދަންނަވާފައިވާނެ ކަމުގައެވެ. އަދި ތުރުކީގެ ނުރުހުމާއެކު މިކަން އެމެރިކާ ކޮށްފިނަމަ ސޫރިޔާއާ ގުޅޭ އެތަށް ކަމެއްގައި ތުރުކީގެ އެއްބާރުލުން ނުލިބޭނެކަމާއި ތުރުކީ ރައްޔިތުންގެ ރުޅިވެރިކަން އެމެރިކާއަށް އަމާޒުވެގެންދާނެ މިންވަރުވެސްވާނީ ޖެނެރަލް ޖޯޒެފް ޑެންފޯޑަށް ދަންނަވާފައި ކަމުގައެވެ.
ސޫރިޔާގެ އުތުރުގައި އެމެރިކާ ސިފައިންގެ ޗެކް ޕޮއިންޓްތަކެއް ގާއިމް ކުރާނެކަން މިދިޔަ ހަފްތާގައި އިއުލާން ކުރެއްވީ އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސްއެވެ. މަޓިސް ވިދާޅުވެފައިވަނީ ސޫރިޔާގެ އުތުރުގައި އެމެރިކާ ސިފައިންގެ ޗެކް ޕޮއިންޓްތަކެއް ގާއިމް ކުރަނީ އެމެރިކާގެ ބައިވެރިން ކަމަށްވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނާއި އެމީހުންގެ ހަތުރުން ކަމަށްވާ ތުރުކީ ސިފައިންނާދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް މި ޗެކްޕޮއިންޓް ތައް ގާއިމް ކުރާނީ ތުރުކީވިލާތާވެސް މަޝްވަރާކޮށް އެގައުމުގެ އެއްބާރުލުން ހޯދައިގެންކަން މަޓިސް ހާމަކުރެއްވިއެވެ.
ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުން ކަމަށް ތުރުކީވިލާތުން ދެކޭއިރު ތުރުކީ ސިފައިންވަނީ އެމީހުންނާ ހަނގުރާމަ ކުރުމަށްޓަކައި ސޫރިޔާގެ އުތުރާއި ހުޅަނގު އުތުރުގެސަރަހައްދު ތަކަށް ވަދެގެންފައެވެ.
އެމެރިކާއިން ކުރުދީ ހަނގުރާމަވެރިންނަށް އަސްކަރީ ތަމްރީނާއި ހަތިޔާރު ދޭ މައްސަލާގައި ތުރުކީން އެމެރިކާ ކުށްވެރި ކުރަމުން ގެންދާއިރު ސޫރިޔާގެ މައްސަލައާއި އީރާނުގެ ނިއުކްލިޔަރ މައްސަލައާއި ތުރުކީން ރަޝިޔާއާ މާބޮޑަށް ގާތްވަމުންދާ މައްސަލާގައި އެމެރިކާއާއި ތުރުކީގެ ގުޅުންތައްވަނީ ޙައްސާސް ހާލަތަކަށް ގޮސްފައެވެ.
ސޫރިޔާއާ އެތަށް ހާސް މޭލެއްގެ ދުރުގައިވާ އެމެރިކާ ސޫރިޔާގެ އުތުރަށް ވަދެގަނެގެން އުޅެނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައެވެ. ނަމަވެސް ޓެރަރިޒަމްގެ މައްސަލަ ބަހަނާއަކަށް ހަދައިގެން ސޫރިޔާގެ ހުއްދައަކާ ނުލައި އެމެރިކާ ސޫރިޔާގެ އުތުރަށް ވަދެގަނެގެން އުޅެނީ އެމެރިކާއާއި އިސްރާއީލުގެ މަގްސަދުތަކެއް ހާސިލް ކުރުމަށް ކަމަށް ތުރުކީއާއި ސޫރިޔާއާއި ރަޝިޔާއާއި އީރާނުން ތުހުމަތުކުރެއެވެ. ( ނޫސްއެޖެންސީތައް)