ކޮމަންވެލްތާ ގުޅުމަށް ދެ އަހަރު މަޑުކުރަން ޖެހޭނެ: ފޮރިން މިނިސްޓަރު

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޝާހިދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ޓަކައި އަދި ދެ އަހަރު ދުވަސް މަޑުކުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެމަނިކުފާނުގެ ކެބިނެޓުން ވަނީ އަލުން ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުމަށް ފާސްކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮމަންވެލްތުގެ މެމްބަރަކަށް ވާނީ، ކޮމަންވެލްތުގެ ސަމިޓުން އެކަން ބަލައިގަތުމުން ކަމަށެވެ.

ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓްސް މީޓިންގްގެ ނަމުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އެ މަޖިލީހުގައި، ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެ އެވެ.

މި އަހަރުގެ އޭޕްރިލް މަހު ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓްސް މީޓިންގެއް ބާއްވާފައިވާ އިރު، ދެން އެފަދަ މަޖިލީހެއް އޮންނާނީ މީގެ ދެ އަހަރު ފަހުން 2020 ވަނަ އަހަރު އެވެ.

https://sun.mv/111854

"ނަމަވެސް އުންމީދުކުރަނީ އަޅުގަނޑުމެންގެ ލިޔުން ކޮމަންވެލްތަށް ލިބުމުން، ކޮމަންވެލްތުގެ ހަރަކާތްތަކުގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާއިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވެސް ރާއްޖެއަށް ދެއްވާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ވާހަކަތައް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން ކޮމަންވެލްތު ސްކޮލަޝިޕް ސްކީމުގެ ދަށުން ދިވެހި ޒުވާނުންނަށް ކޮމަންވެލްތުގެ އެކިއެކި ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، މިފަދަ ފުރުސަތުތައް ލިބުމުގެ ދޮރެއް ބަންދުކޮށްގެން ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދިވެހި ކުޅިވަރު ކުޅުންތެރީންނަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމާއި ކޮމަންވެލްތު ގައުމުތަކުގައި ޓްރެއިނިންގް ފުރިހަމަކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް ކޮމަންވެލްތު ނިޒާމުގެ ތެރޭގައި ހިމެނޭ ސިޔާސީ އަދި ގާނޫނީ ޖަމިއްޔާތަކުގައި ބައިވެރިވެވޭނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮމަންވެލްތު ގައުމުތަކަށް ދިވެހި ވިޔަފާރިވެރިންނާއި ދަތުރުވެރިން ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެހުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށާއި، ދިވެހި އެމްބަސީއެއް ނެތް ގައުމެއްގައި ދިވެހި ރައްޔިތަކަށް ދައްޗެއް ދިމާވެއްޖެ ނަމަ އެގައުމެއްގައި ހުރި އިނގިރޭސިވިލާތުގެ ހައިކޮމިޝަނެއް މެދުވެރިކޮށް ކޮންސިއުލާ އެހީތެރިކަން ވެސް ލިބުމުގެ ފުރުސަތު ކޮމަންވެލްތު ނިޒާމުގެ ތެރެއިން ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

"ބއިވެރިވެލައިގެން ތިބެ އަޅުގަނޑުމެންގެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ވާން އޮތް ޖަމިއްޔާއަކުން ބޮޑާ ހާކާފައި ދުރަށް ދިއުން އެއީ ހުތުރުކަމެއް،" ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމަށް ޝާހިދު ފާޑުވިދާޅުވި އެވެ.

comment ކޮމެންޓް