އަބުރުގެ ގާނޫނު އުވާލުމުގެ ބިލު ތަސްދީގުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު--

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެބިލު ތަސްދީގު ކުރެއްވުމާއެކު ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އާންމު ގަވާއިދުތަކާބެހޭ ގާނޫނު ގެ 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އަލުން ހިމަނައި، އެ ގަވާއިދުގެ ބެލެނިވެރި ގާނޫނެއް ކަމުގައި އާންމު ގަވާއިދުތަކާބެހޭ ގާނޫނު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ކުރީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި މި ބިލު ފާސްވީ 38 މެންބަރުންގެ ވޯޓާއެކުއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވި ފުރަތަމަ ބިލެވެ.

comment ކޮމެންޓް