ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން އުޅުނު ކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލް ކޮށް އޭނާ މިނިވަން ކޮށްފި އެވެ.
މިއަދު މެންދުރު ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު އަޑު އެހުމުގައި ނިހާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ނިންމީ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.
ނިހާންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމީން ފޮރުވަން ނުވަތަ ރަހީނުކުރުމަށް ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި އެކަމުގައި ނިހާން ބައިވެރިވެފައިވަނީ ކޮން އަމަލަކުން، ކޮން ގޮތަކުންކަން ވެސް އެގެން އޮންނަން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.
"މާމިގިލި މެޖިސްޓްރޭޓް ކޯޓުން އަދި އެހެން ކޯޓަކުންވެސް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުވުމުގެ ކޯޓު އަމުރެއް އަޙްމަދު ނިހާން ނެރެފައިނުވާކަމާއި އަދި އެފަދަ އަމުރެއް ނެރުމަށް ރޭވުމުގެ ގޮތުން އަޙްމަދު ނިހާން ކުރި ޢަމަލެއް ދައުލަތުގެ ފަރާތުން ދެއްކިފައިނުވާ ކަމާއި، އަދި އެފަދަ ކަމެއް ކުރުމަށް އެހެންމީހަކާ ނުވަތަ އެހެން ބަޔަކާއެކު އެއްބަސްވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވޭ މިންވަރުގެ ހެއްކެއް ދައުލަތުގެ ފަރާތުން ދެއްކިފައިނުވާކަން އެނގޭ،" ހުކުމުގައި ވެއެވެ.
ދައުލަތުގެ ފަރާތުން ބުނާފަދަ ކޯޓު އަމުރެއް ނިހާން ތައްޔާރުކޮށްފައި ނުވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި ކިތާބީ ހެއްކަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ވެއެވެ.
އެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިނަށް ވެސް ވަނީ 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
މުހުތާޒްގެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަނީ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ.