ނަޝީދާއި އިމްރާނުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި (ކ) އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ (ވ) -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް މީގެ ކުރިން އިއްވާފައިވާ ޖަލު ހުކުމްތައް ރިވިއުކުރުމަށް ހުށަހެޅި ހުށަހެޅުންތަކުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވަކިވަކިން ކުރިއަށް ދިޔަ ދެ މައްސަލައިގެ ތެރެއިން މިއަދު ހެނދުނު ކުރިއަށް ދިޔައީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އިއްވި 13 އަހަރުގެ ޖަލު ހުކުމު ރިވިއުކުރުމަށް ހުށަހެޅި މައްސަލައެވެ.

އަދި މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، 2015 މެއި އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް، އިއްވި 12 އަހަރުގެ ޖަލު ހުކުމް ރިވިއުކުރަން ހުށަހެޅި މައްސަލައެވެ.

ދެ މައްސަލައިގައިވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އަޑުއެހުންތައް ނިންމާލައިފައެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއުލާނުކުރިއެވެ.

ކުރީގެ ރައީސް ނަޝީދުގެ މައްސަލަ

މިއަދުގެ އަޑުއެހުމުގައި، ނަޝީދުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ، ނަޝިދުގެ މައްޗަށް ހުކުމް އްއްވީ އެމަނިކުފާނަށް ގާނޫނު އަސާސީން ލިބިދޭން ޖެހޭ ހައްގުތަށް ކަށަވަރު ނުކޮށްދީ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ވެސް ގާނޫނާ ހިލާފަށް ކަމަށް ހިސާން ވިދާޅުވި އެވެ.

އަޑުއެހުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވަނީ ހިސާން ފާހަގަ ކުރި ނުކުތާތަކަށް ޖަވާބުދާރީ ވާން އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް އެ ފުރުސަތު އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ނުދެއްވި އެވެ. ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމާމެދު ޕީޖީއިން ދެކޭ ގޮތް ސާފު ކުރައްވަން އުއްތަމަ ފަނޑިޔާރ ސުވާލު ކުރެއްވި ނަމަވެސް، ނިހާޔަތް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެއްލެވުމަށްފަހު އެކަމުގައި ގޮތެއް ކަނޑައަޅައިދެއްވުމަށެވެ. ހުކުމާ މެދު ދެކޭ ގޮތް ނިހާޔަތު ވިދާޅުވެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ނަޝިދު ވެސް ވާހަކަަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އެމަނިކުފާނުގެ ސީދާ ދައުރެއް ނޯންނާނެ ކަމަށެވެ. އަދި އެ މައްސަލައިގައި މިއަދުން މިއަދަށް ހުކުމް އިއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

އެހެން ނަމަވެސް، އެ މައްސަލައަކީ ވަރަށް އަވަހަށް ހުކުމް އިއްވަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި މިއަދު ހުކުމް ކުރަން ދަތި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުކުމް ކުރުން އޮންނާނީ ދެން އޮންނަ އަޑުއެހުމުގައި ކަމަށެވެ.

ޝެއިޚް އިމްރާނުގެ މައްސަލަ

މިއަދު އޮތް ޝައިހް އިމްރާންގެ މައްސަލައިގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ވަކީލު ނޫރުއްސަލާމް އަބޫބަކުރު ފާހަގަ ކުރެއްވީ 12 ނުކުތާއެކެވެ.

އެގޮތުން، ޝައިހް އިމްރާންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލަށް ހިތްވަރު ދީގެން ކަމަށް ބުނާ އިރު، އެ އަމަލަކީ ދައުވާ ކޮށްފައިވާ މާއްދާ ކަމަށްވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އިން ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި އޭނާގެ ކުށަކީ ކޮބައިކަން ދައުލަތުން ސާފުކޮށްދީފައި ނުވާ ކަމަށާއި، އެއީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ހ)އިން ލާޒިމު ކުރާ ކަމެއް ކަމަށާއި އެހެން ކަމުން ހުކުމް ކުރީ އެ މާއްދާއާ ހިލާފަށް ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.

އަދި ޔަގީން ކަމާ އެކު އެނގެން އޮންނަ ކަމެއް ޝައްކަކުން ބާތިލު ނުކުރެވޭނެ ކަމަށް ބުނާ އިސްލާމީ ޝަރީއަތުގެ ގާއިދާއާ ހިލާފަށް އިމްރާނަށް ހުކުމް ކޮށްފައިވާ ކަމަށް ވެސް ނޫރު ވިދާޅުވި އެވެ. އަދި އެއްވެސް މީހަކަށް އެހެން މީހެއްގެ ކުށެއްގެ އަދަބު ދީގެން ނުވާނެ ކަމަށް އިސްރާ ސޫރަތުގެ 15 ވަނަ އާޔަތުގައި އޮންނަ އިރު، އެކަމާ ހިލާފަށް އިމްރާނަށް ހުކުމް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އިމްރާންގެ ޝަރީއަތް ކުރިއަށްގެންދިޔަ އިރު އެމަނިކުފާނަށް ދައުވާއިން ދިފާއުވުމުގެ ގޮތުން ހެކިބަސް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާ ކަމަށާއި އެހެން ކަމުން އެއީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ކ)އާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި އިމްރާނުގެ ފަރާތުން ހެކި ހާޒިރު ކުރަން ފުރުސަތު ނުދިން ކަމާއި، އެ މައްސަލައިގެ އަޑުއެހުމެއްގައި ގާޒީ އެ މައްސަލައާ މެދު ކުރީބައިގައި ގޮތެއް ނިންމަވައިގެން އިންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އެކަންކަމަކީ ފަނޑިޔާރުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ތިންވަނަ ނަމްބަރާ ހިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ނޫރު ވިދާޅުވި އެވެ.

މޭޑޭގައި އިމްރާން ވާހަކަފުޅު ދެއްކެވީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، އެހެން ކަމުން އޭނާއަށް ދައުވާ ކޮށްފައި ވަނީ އޭނާއަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮަތަކަށް ކަމަށް ނޫރު ވިދާޅުވި އެވެ.

މޭޑޭގެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި، އެ އެއްވުމާ ގުޅިގެން އަދާލަތު ޕާޓީން ފުލުހުންނާ ބައްދަލު ކުރުމުން، އެ އެއްވުމުގައި ހިނގާ ވަކި ވަކި ފަަރުދުންގެ ކުށްތަކަށް އަދާލަތުން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި، އެހެން ކަމުން އިމްރާނަށް ދައުވާ ކުރީ އޭނާއަށް ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގުން މަހުރޫމުވާ ގޮތަށް ކަމަށް ނޫރު ވިދާޅުވި އެވެ.

އަދި ކޮންމެ މީހަކަށް ވެސް ޝަރީއަތް ކުރަން ޖެހޭނީ އަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ކަމަށް ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބުނާ އިރު، އިމްރާންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ، ގަސްތުގައި ދިގު ދައްމަައިގެން ކަމަށާއި، އޭނާގެ މައްސަލައިގެ އަޑުއެހުމުގެ ތެރޭގައި އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމަވައިގެން އިންނެވި ކަމަށް ގާޒީ ވިދާޅުވި ކަމަށް ނޫރު ވިދާޅުވި އެވެ. އަދި އެއީ އެ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި 2015 ވަނަ އަހަރުގެ އެކެއް މޭގައި ކުރި ކަމަށް ބުނާ ކުށަކަށް އެ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ތަސްދީގު ކުރި ގާނޫނަކުން ދައުވާ ކުރުމަކީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނޫރު ވިދާޅުވީ، މޭޑޭގައި އެތައް ބަޔަކު ބައިވެރިވި ކަމަށާއި އެ ދުވަހު ކުށް އިމްރާން ހިންގި ކަމަށް ބުނާ ފަދަ އަމަލު ހިންގި އެހެން މީހުންނަށް ޓެރަރިޒަމްގެ ދައުވާ ކުރި ކަމެއް ދައުލަތުން ބުނެފައި ނުވާ ކަމަށާއި، އެހެން ކަމުން އޭނާއާ މެދު އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އިމްރާނުގެ ފަރާތުން ވަނީ އޭނާ ކުށް ކުރި ގޮތް ދައުލަތުން ދަށު ކޯޓުގައި ސާފުކޮށްދީފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އޭނާ ޓެރަރިޒަމަށް ހިތްވަރު ދޭން ދެއްކި ކަމަށް ބުނާ ވާހަކަތަކާއި އެހެން ބަޔަކު ކުރި ކަމަށް ބުނާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅުން ހުރީ ކޮންގޮތަކުންތޯ ސުވާލު ކުރި އެވެ.

މިއަދު ޝައިހް އިމްރާންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ޝައިޚް އިމްރަން ގެންދަވަނީ ހޯމް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުންނެވެ. އެހެން ނަމަވެސް އިމްރާނުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައިވާތީ، އޭނާ އެމަގާމަށް އައްޔަނުކުރެވޭނެކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނަޝީދާއި އިމްރާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ރިވިއުކޮށް އިތުރު ގޮތެއް ކަނޑައަޅަންދެން އެ ހުކުމްތަކާ ގުޅިގެން އެބޭފުޅުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރުވެސް ނެރެފައެވެ. އެހެންކަމުން ދެބޭފުޅުންވެސް މިވަގުތު ތިބީ މިނިވަނުންގެ ގޮތުގައެވެ.

comment ކޮމެންޓް