ހައްޔަރުކޮށްފައިވާ "ސްނައިޕަރު" އާ ލަންކާ ސަރުކާރުން ބައްދަލުކޮށްފި

ސްނައިޕަރާއެކު ލަންކާގެ މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ސްނައިޕަރު ލަހިރު މަދުޝަންކާއާ ލަންކާ ސަރުކާރުގެ އިސް ފަރާތަކުން ބައްދަަލުކޮށްފިއެވެ

ސްރީލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ، ލަހިރުއާ ބައްދަލުކުރިކަން އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫގެ ނޫސްވެރިޔާ މީރާ ސްރިނިވާސަން ވަނީ ޔަގީންކޮށްދީފައެވެ. އަދި އެ ބައްދަލުވުމުގެ ސަބަބުން ލަހިރު ވަރަށް އަވަހަށް މިނިވަންވާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަންކާގެ މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށެވެ.

ސްނައިޕަރު ދޫކޮށްލުމަށް ރާއްޖޭގެ ސަރުކާރުގައި އެދޭނެ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ލަހިރު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާގެ ވަކީލު މީގެ ކުރިން ވިދާޅުވީ ލަހިރުއަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި ރާއްޖޭގެ ބައެއް މީޑިއާތަކުން އޭނާއަކީ ލަންކާގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ މީހެއް ކަމުގައި ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫންކަމަށެވެ.

ލަންކާގެ ސަންޑޭ ޓައިމްސް ގައި ބުނެފައި ވަނީ މަދުޝަންކާ އަކީ އޭނާގެ އާއިލާއިން ރާއްޖޭގައި ކުރާ މަހުގެ ވިޔަފާރިއެއްގައި ވަރަށް ގިނައިން ރާއްޖެ އައިސް ހަދާ މީހެއް ކަމަށެވެ.

comment ކޮމެންޓް