ރައީސް އިބޫގެ ސަރުކާރުން ކޮރަޕްޓް މީހުންނަށް ޖާގަނުދޭނެކަމަށް ކުރެވުނީ ކުށް ހީއެއް: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެއްގައި ކޮރަޕްޓް މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ކަމަށާއި ނަމަވެސް އެއީ ކުށް ހީއަކަށް ބަދަލުވެއްޖެކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބޫގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، އިބޫގެ ސަރުކާރުން ކޮރަޕްޓް މީހުނަށް ފުރުސަތު ނުދޭނެ ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް ކުރެވުނީ ކުށްހީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރެވުން މިވަނީ ކުށް ހީއަކަށް ބަދަލު ވެފައި،" އުމަރު މިރޭ ރައީސް އިބޫގެ ސަރުކާރަށް ފާޑު ވިދާޅުވެ ކުރެއްވި ޕޯސްޓުގައި ވެއެވެ.

ރައީސް އިބޫ ވަނީ އިއްޔެ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވާފައެވެ. ބައެއް ފަރާތްތަކުން ދަނީ އެ ކެބިނެޓަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ކެބިނެޓްގެ މިނިސްޓަރުންގެ ތެރޭގައި ވިޔަފާރި މަސްލަހަތު ފުށުއަރާ އަދި އެ މިނިސްޓްރީއަކަށް ގާބިލް ނޫން ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުންވެސް ވަނީ ފާޑުކިޔާފައެވެ.

comment ކޮމެންޓް