އިނގިރޭސި ގައުމީ ޓީމުގެ ޓޮޕް ސްކޯރާ ވޭން ރޫނީގެ ވަދާއީ މެޗުގައި އިންގްލެންޑުން 3-0ގެ ނަތިީޖާއިން އެމެރިކާ ބަލިކޮށްފި އެވެ.
ރޭ އިންގެންޑާއި އެމެރިކާ ބައްދަލުކުރި މެޗަކީ ރޫނީ އިންގްލެންޑަށް ކުޅޭނެ އެންމެ ފަހު މެޗެވެ. އެއީ އޭނާގެ 120 ވަނަ އިންގްލެންޑު މެޗެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ފެށުމުގެ ކުރިން އޭނާއަށް ވަނީ ގާޑް އޮފް އޮނާ އަރުވާފަ އެވެ.
މެޗަށް އިންގްލެންޑުން ނުކުތީ ކުރިން ފުރުސަތު ނުދޭ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ އެގާރައިން ޖާގަ ދީގެންނެވެ. އެގޮތުން މިހާރު އަރަމުން އަންނަ ޑޯޓްމަންޑުގެ ވިންގަރު ޖޭޑަން ސަންޗޯއަށް ވަނީ ފުރުސަތު ދީފަ އެވެ. ރޫނީ މެޗަށް އެރުވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ފުރަތަމަ ހާފު ފެށިގެން ގިނައިން ގޯލަށް ނުރައްކާ ކުރަމުން ދިޔައީ އިންގްލެންޑުންނެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޖެސީ ލިންގާޑެވެެ. 25 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލަކީ އޭރިއާގެ ރޮނގު މަތީގައި ހުރެފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.
އޭގެ މިނެޓަށް ފަހުން ދެވަނަ ގޯލު ކާމިޔާބުކޮށް ދިނީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ޓްރެންޓް އެލެކްޒޭންޑާ އާނޯލްޑެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ހަނި އޭންގަލެއްގައި އޭރިއާގެ ތެރެއިން ބާރު ޝޮޓެއް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގައި އެމެރިކާއަށް ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޒުވާން ފޯވަޑް ކްރިސްޓިއަން ޕުލިސިޗް އަށެވެ. އޭނާ ޑިފެންޑަރުންގެ ކައިރިން ދެމިލާފައި ފޮނުވާލި ޝޮޓު އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އިންގްލެންޑުގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެލަމް ވިލްސަން އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ އަރިމަތިން ނެގި ހުރަހެއްގައި ބޯޅަ އެއްފަހަރުން ފޮނުވާލައިގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ރޫނީ ވަނީ ބާރު ޝޮޓެއް ގޯލަށް ފޮނުވާލާފައެވެ. އެހެން ނަމަވެސް އެމެރިކާގެ ކީޕަރު ބްރެޑް ގޫޒާން ވަނީ ފަސޭހަކަމާއެކު އެ ޝޮޓު ހިފާފައެވެ.
ރޫނީ މިހާރު ކުޅެމުން ދަނީ އެމެރިކާގެ ޑީސީ ޔުނައިޓެޑަށެވެ. އޭނާ މިހާރު އެމެރިކާގެ ފުޓުބޯޅައިގެ ތެރެއަށް ވަދެފައިވާ އިރު ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗު އެމެރިކާއާ ދެކޮޅަށް ކުޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އިނގިރޭސި ގައުމީ ޓީމަށް 120 މެޗު ކުޅެނީ 53 ގޯލު ޖަހައި ދީފައިވާ ރޫނީ އަކީ އިންގްލެންޑުގެ އިތުރުން ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑެއްވެސް މެއެވެ.