އެންމެ ކުޅެން ބޭނުންވަނީ ނުކުޅެދުންތެެރިކަން ހުންނަ މީހެއްގެ ރޯލު: ރިޝްފާ

ފިލްމީ ކެރިޔަރުގައި ދެން އެންމެ ބޭނުން ވަނީ ނުކުޅެދޭ މީހެއް ނުވަތަ ބޮޑު ބައްޔެއް ތަހައްމަލް ކުރަމުންދާ މީހެއްގެ ރޯލު ކުޅެލަން ކަމަށް ކާމިޔާބު ފިލްމީތަރި އަައިމިނަތު ރިޝްފާ ބުނެފިއެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި ރިޝްފާ ބުނީ ނުކުޅެދޭ މީހެއްގެ ރޯލު ވަރަށް ކުޅެލާ ހިތްވާ ކަމަށާއި އެކަހަލަ ރޯލަކަށް އެކްޓްކޮށްލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގިނަ ފިލްމު ތަކުން އަދި ޑްރާމާތަކުގައި ރިޝްފާ ފެނިގެން ދިޔައީ ހިތާމަކޮށް ވަރަށް ގަދަޔަށް ރޯ މަންޒަރުތަކުންނެވެ. ނަމަވެސް ތަފާތު ރޯލުތަކުން ފެންނަން ބޭނުންވާކަމަށް ރިޝްފާ ބުނެއެވެ.

"ހައްދު" ގެ ޕޯސްޓަރެއްގައި ރިޝްފާ...

"އަސްލު ބޭނުން ވަރަށް ތަފާތު ރޯލުތައް ކުޅެން، އެންމެ ބޭނުންވަނީ މިހާރު ބަލި މީހެއް ނުވަތަ ނުކުޅެދޭ މީހެއްގެ ރޯލު ކުޅެލަން،" މިދިޔަ އަހަރު ރިލީޒް ކުރި "ހައްދު"ގައި މޮޅު އެކްޓިންއެއް ދެއްކި ބަތަލާ ބުންޏެވެ.

ރިޝްފާއަކީ މަޑުމަޑުން މި ދާއިރާގެ އުހަށް ދަތުރުކުރި ބަތަލާއެކެވެ. ރިޝްފާގެ އެކްޓިން ގިނަ ޑައިރެކްޓަރުން މިހާރު ވަރަށް ކަމުދެއެވެ. އަދި އޭނާގެ އެކްޓިންނަށް ލޯބި ކުރާ ބެލުންތެރިން އެހާމެ ގިނަވެސް މެއެވެ.

އައިމިނަތު ރިޝްފާ....

މިހާތަނަށް އޭނާ ފެނިގެން ދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލަކަނީ" ، "އަހުޝަމް"، "ނޭންގި ޔާރު ވަކިވީ"، އަދި "ހައްދު" ފަދަ މަގުބޫލުވި ފިލްމުތައް ހިމެނެއެވެ. އެ ފިލްމު ތަކުގައިވެސް މުޅިން ކުޅެފައިވަނީ ރޯން ޖެހޭ ރޯލުތަކެވެ.

ދެން އެންމެ އަވަހަށް ރިޝްފާ ފެންނާނީ ރާއްޖޭގައި އަލަށް ވުޖޫދުކުރާ ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" އިންނެވެ. އެ ސީރީޒްގެ ޓްރެއިލާއިން ރިޝްފާ ދައްކާ އިރުވެސް އޭނާ ރޮއެ ހިތާމަ ކުރާތަން ނިކަން ގިނައިން ފެނެއެވެ.

comment ކޮމެންޓް