ވަދާއީ މެޗުގައި ރޫނީއަށް އިންގްލޭންޑްގެ ކެޕްޓަން ބޭންޑު

އިނގިރޭސި ތަރި ވޭން ރޫނީ-- ފޮޓޯ: ސްޓޭޑިއަމްއެސްޓްރޯ

އިންގްލޭންޑްގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އިންގްލޭންޑް އެފްއޭއިން މިވަނީ ރޫނީއަށް ޚާއްސަ ފެއަރވެލްއެއް ދިނުމަށް ނިންމައިފައެވެ.

މިހާރު އުމުރުން 33 އަހަރުގެ ރޫނީ އިންގްލޭންޑް ޓީމަށް ކުޅޭ އެންމެ ފަހު މެޗަށް ވާނީ، މިއަދު އެމެރިކާއާ ދެކޮޅަށް ވެމްބްލީގައި އިނގިރޭސީން ކުޅޭ އެކުވެރިކަމުގެ މެޗެވެ.

ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނޭކަން ފުރަތަމަ އިއުލާނުކުރީ މާރޗް 2017ގައެވެ. ނަމަވެސް، އިންގްލޭންޑް ކޯޗް ގެރެތު ސައުގޭޓް ވަނީ އޭނާ އަލުން ސްކޮޑާ ގުޅުމަށް އެދިފައެވެ. އެހެން ނަމަވެސް ރޫނީ ވަނީ 23 އޯގަސްޓް 2017އިން ފެށިގެން އޭނާ ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް ރޫނީ އިއުލާނުކުރި އިރު، އޭނާއަށް ގައުމީ ޓީމުގެ ޖާޒީގައި ވަނީ 119 މެޗު ކުޅެވިފައެވެ. އަދި 53 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މިއީ އިންގްލޭންޑް ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއެވެ. އަދި އެޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.

އެހެކަމުން އެންމެ ފަހުން އިންގްލޭންޑް ޓީމަށް ރޫނީ ކުޅުނު މެޗަކީ، 11 ނޮވެމްބަރު 2016ގައި ސްކޮޓްލޭންޑް އަތުން 3-0 އިން އިންގްލޭންޑް މޮޅުވި މެޗެވެ. އެ މެޗުގައި ރޫނީ ވަނީ ގެރީ ނެވިލްއަށް ލަނޑުޖެހުމުގައި އެހީތެރިވެދީފައެވެ.

އިންގްލޭންޑް ގައުމީ ޓީމަށް ރޫނީ ކޮށްދިން އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމަށް، އެގައުމުގެ ފުޓްބޯޅައިގެ މައި އިދާރާއާ ގައުމީ ޓީމުގެ ކުޅުންތެރީންވެސް ވަރަށް ބޮޑަށް ބޭނުންވިއެވެ. އަދި އަލަށް އުފެއްދި ރޫނީގެ ޗެރިޓީ ފައުންޑޭޝަން، "ވޭންރޫނީ ފައުންޑޭޝަން" ޕްރޮމޯޓުކުރުމަށް މި މެޗު ބޭނުންކުރުމަށް ނިންމިއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެފްއޭއިން އިއުލާނުކުރީ، ރޫނީ އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ފަހު މެޗު 15 ނޮވެމްބަރު 2018ގައި ބޭއްވުމަށެވެ. އެއީ އެމެރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެކެވެ. މި މެޗު ވެގެންދާނީ ރޫނީ އިނގިރޭސި ގައުމީ ޓީމަށް ކުޅޭ 120 ވަނަ މެޗަށެވެ.

އެމެރިކާއާ ދެކޮޅަށް ވެމްބްލީގައި ކުޅޭ ޚާއްސަ މެޗަށް ރޫނީ ނުކުންނާނީ އިނގިރޭސި ގައުމީ ޓީމުގެ 10 ނަމްބަރު ޖާރޒީގައި، ކެޕްޓަން ބޭންޑާއެކުއެވެ. އެކުވެރިކަމުގެ މި މެޗަށް ދެވިފައިވާ ނަމަކީ، "ވޭން ރޫނީ ފައުންޑޭޝަން އިންޓަނޭޝަނަލް"އެވެ.

ފެއަރވެލް މެޗެއް ރޫނީއަށް ޚާއްސަކޮށް، އަދި ކެޕްޓަން ބޭންޑު ދިނުމަށް ނިންމުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް އަމާޒުވިއެވެ. ޚާއްސަކޮށް، 125 މެޗާ އެކު އިނގިރޭސި ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދާފައިވާ ކުރީގެ ގޯލްކީޕަރު ޕީޓަރ ޝިލްޓަން ބުނީ، ގައުމީ ޓީމުގެ މެޗުތަކަށް ކުޅުންތެރީންނަށް ފުރުސަތު ދިނުމަކީ ދޭ "ހަދިޔާއެއް"ގެ ގޮތުގައި ވެގެން ނުވާނޭ ކަމަށެވެ.

އިނގިރޭސި ޓީމަށް 57 މެޗު ކުޅެފައިވާ، މިހާރު އެޓީމުގެ ކޯޗު ސައުތުގޭޓު ބުނީ، ރޫނީ ފަދަ ގައުމީ ޓީމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއަކަށް މިފަދަ ޝަރަފެއް އަރުވާތީ، ބައެއް ފަރާތްތަކުން ނުރަނގަޅު ގޮތުގައި ފާޑުކިޔުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

މިއަދު ވެމްބްލީގައި ކުޅޭ މެޗަށް ރޫނީ ނުކުންނާނީ، މެޗުގެ ފަހު ހާފުގައެވެ. ނަމަވެސް އޭނާ ކުޅެން އަރާނެ ވަގުތެއް ކޯޗު ނުބުނެއެވެ.

އިނގިރޭސި ކްލަބް އެވަޓަންއިން 2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ރޫނީ މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ 2004 ވަނަ އަހަރުއެވެ. އޭނާ ފުޓްބޯޅަ ކެރިއަރު މެންޗެސްޓަރ ޔުނައިޓެޑްގައި ނިންމާލަން ބޭނުންވި ނަވަމެސް، ޔުނައިޓެޑްގެ ސްކޮޑުން ޖާގަ ނުލިބި އެޓީމު ދޫކޮށްލަން ޖެހުމުން 2017 ވަނަ އަހަރު އޭނާ އަލުން އެވަޓަންއަށް ބަދަލުވިއެވެ. އަދި މިއަހަރުން ފެށިގެން ރޫނީ ކުޅެމުން އަންނަނީ އެމެރިކާގެ ޑީސީ ޔުނައިޓެޑަށެވެ.

comment ކޮމެންޓް