"ހުވާ" ކަމުދާނެ، ހަމަ ހުވާ!: ރިޝްފާ

ނޮވެމްބަރ 12، 2018: މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާތިމަތު ނަހުލާ( ނަހޫ) އޭނާގެ އަމިއްލަ ވާހަކަ އަކަށް ފިލްމީ ތަރި މުހައްމަދު ފައިސަލް އާއެކު ޑައިރެކްޓްކޮށް އަލަށް ވުޖޫދު ކުރަން ތައްޔާރުވަމުން އަންނަ ފުރަތަމަ ދިވެހި ވެބް ސީރިޒް "ހުވާ" ގެ އިންތިޒާރުގައި ތިބި މީހުން މިހާރު މަދެއް ނޫނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އެ ސީރީޒެއްގެ މަސައްކަތް ނަހޫ ފެށިތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. މިއަހަރުގެ ކުރީކޮޅު ޝޫޓް ކުރަން ފެށި "ހުވާ" ގެ ޝޫޓިން ނިންމާލެވުނީ މިދިޔަ އޯގަސްޓު މަހުއެވެ. އެންމެ ފުރަތަމަ ވެބް ސީރީޒް ކަމުން ނަހޫ ވަނީ އިންޑަސްޓްރީގައި އެވަގުތު ލިބެން ތިބި ގިނަ ފިލްމީ ތަރިން ތަކެއް ވެސް އެ ސީރީޒުގައި ހިމަނައިފައެވެ.

ޖުމްލަ ސާޅީހަށް ވުރެ ގިނަ ކާސްޓުންނާއެކު ހަދައިފައިވާ "ހުވާ" ގައި އެންމެ މުހިއްމު ރޯލެއް ކުޅެފައިވާ އެއް ބަތަލާ އަކީ އައިމިނަތު ރިޝްފާ އެވެ. "ހުވާ" ގެ ތަޖުރިބާ އާ ބެހޭ ގޮތުން "ސަން" އަށް ދިން އިންޓަވިއެއްގައި ރިޝްފާ ބުނީ "ހުވާ ކަމުދާނެ، ހަމަ ހުވާ!..." މިހެންނެވެ.

ނޮވެމްބަރ 12، 2018: މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހުވާ" ގައި ރިޝްފާގެ ރޯލު ވަރަށް ބޮޑެވެ. މެއިން ކެެރެކްޓާ އަކީ އޭނާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. ނަމަވެސް އޭނާ އެ ސީރީޒްގައި ފެނިގެންދާނެ ސީދާ ރޯލު ވަނީ ޑައިރެކްޓަރުން ވެސް ސިއްރު ކޮށްފައެވެ.

އެ ސިރީޒް ދެއްކުމަށް ހަމަޖެހިފައިވާ "ބައިސްކޯފު" އެޕް މިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް ލޯންޗުކޮށްފައެވެ. އެ ހަފްލާގެ ތެރެއިން ލޯންޗުކުރި "ހުވާ" ގެ ޓްރެއިލާ އިން ވެސް ރިޝްފާ ފެންނަ އިރު އޭނާގެ ރޯލު ބޮޑުކަން ސާބިތުވެއެވެ.

"އެއީ އަހަރެން ފިލްމީ ކެރިއަރުގައި ކުރި ވަރަށް ބުރަ އަދި އެހާމެ ބޮޑު މަސައްކަތެއް، ވަރަށް ތަފާތު، ނަހޫ އަހަންނަށް އިތުބާރިކޮށްފަ މި ސީރީޒުން ފުރުސަތު ދިނީތީ ހަމަ ނަހޫ އަށް ޝުކުރު،" ރިޝްފާ ބުންޏެވެ.

"ހުވާ" ގެ ޓްރެއިލާ....

ރިޝްފާއަށް އަނިޔާތައް ލިބެމުންދާ މަންޒަރު ޓްރެއިލާ އިން ދައްކާއިރު އޭނާ ރޮއި ހިތާމަ ކުރާ މަންޒަރުވެސް އެ ޓްރެއިލާ އިން ދައްކުވައިދެއެވެ. ރިޝްފާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާތަން ސީރީޒުން ފެންނާނެ ކަން ޓްރެއިލާ އިން ހާމަވެއެވެ.

ރިޝްފާ ބުނަނީ އެއީ މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ކުރި މަސައްކަތް ކަމަށާއި އެކަހަލަ ބޮޑު ސީރީޒަކުން ފުރުސަތު ލިބުން އެއީ އޭނާ ދެކޭ ގޮތުގައި ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"އަހަރެން އުންމީދު ކުރަން ނަހޫ ބޭނުންވާ ވަރުގެ މޮޅު އެކްޓިން އެއް ދެއްކުން ކަމަށް، އުންމީދަކީ ބެލުންތެރިންނަށް ވެސް އަހަރެންގެ ރޯލު ކަމުދިޔުން،" ގިނަ ފިލްމު ތަކުން ފެނިފައިވާ ރިޝްފާ ބުންޏެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ރިޝްފާ...

ރިޝްފާގެ އިތުރުން މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބުގެ ވަރަށް ބޮޑު ރޯލުތައް ވެސް "ހުވާ" އިން ފެންނާނެއެވެ. އަދި ޔޫސުފް ޝަފީއު، މުހައްމަދު ފައިސަލް، އަލީ އާޒިމް(ދޮން އައްޔަ)، އިރްފާނާ އިބްރާހީމް އަދި އަހްމަދު އީސާ (އާނަންދު) ފަދަ ތަރިންގެ މޮޅު އެކްޓިން ވެސް ފެންނާނެއެވެ.

މި މަހުގެ 29 ވަނަ ދުވަހު ދައްކަން ފަށަން ތައްޔާރުވެފައިވާ "ހުވާ" ގެ މަންޒަރުތައް ނަގާފައިވަނީ ކ.ގުރައިދޫ، މާލެ އަދި ވިލިމާލޭގައެވެ.

ރިޝްފާ ވަނީ މީގެ ކުރިން ނަހުލާގެ ޑްރާމާ ތަކުން ވެސް ފެނިފައެވެ. "އަދިވެސް އެ ލޯތްބައް ގަދަރުކުރަން" އާއި "އުމުރަށް ސަލާން" އަދި "ވަކިވުމުގެ ކުރިން" ފަދަ ޑްރާމާ ތަކުގައި ރިޝްފާ ވަނީ އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ދައްކައިފައެވެ.

comment ކޮމެންޓް