ނާލާފުއްޓާއި މުލި ގުޅާލާ މުލީގައި އެއާޕޯޓެއް އަޅަނީ

މުއްޔާއި ނާލާފުށި--

މ. ނާލާފުއްޓައި މުލި ކޯޒްވޭއަކުން ގުޅާލާ މުލީގައި އެއާޕޯޓެއް އެޅުމަށް ބަޖެޓުކޮށްފި އެވެ.

ނާލާފުއްޓާއި މުލި ގުޅާލުމަށް އެ ދެރަށުގެ ކައުންސިލުން އެއްބަސްވެފައި ވަނީ 2015 ވަނަ އަހަރު އެވެ. މީގެ ކުރިން މުލީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔއިރު އެ ދެރަށް ގުޅާލުމަށް ވަނީ ހުށަހަޅައިފަ އެވެ.

އާ ސަރުކާރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އިރު މުއްޔާއި ނާލާފުށި ކޯޒްވޭ އަކުން ގުޅައިލުމަށް 2,675,000 ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުލީގައި އެއާޕޯޓެއް އެޅުމުގެ ވައުދަށް 39,850,000 ރުފިޔާ ބަޖެޓްކޮށްފައިވާ އިރު ނާލާފުއްޓައި މުލި ކޯޒްވޭއަކުން ގުޅާލުމަށް ވެސް އިބޫ ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

މުލީގައި އެއާޕޯޓެއް އެޅުމުގެ ވައުދަކީ މިއަހަރުގެ ރިޔާސީ އިންތިިހާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންގެ ވެސް ވައުދުފުޅެކެވެ.

މުލަކު އަތޮޅުގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށް މިހާރު ބޭނުންކުރަނީ ސީ ޕްލޭން އެވެ.

comment ކޮމެންޓް