އިބޫގެ ކެބިނެޓަށް ޕާޓީތަކުން "ސަވާރު ނުވުމަށް" ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

ރައީސް ނަޝީދު އުކުޅަހުގައި މިއަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރާއްޖެއެމްވީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލަމުންދާ އިރު، ޕާޓިތަކުން މަގާމުތަކަށް ސަވާރު ނުވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އއ. އުކުޅަހަށް ރައީސް ނަޝީދު މިއަދު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުވެވަޑައިގެންނެވީ އިއްތިހާދަކުން ކަމަށާއި އެހެންނަމަވެސް އިބޫ އެކުލަވާލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނުންގެ ވަޒީރުންގެ މަޖިލީހެއް ކަމަށެވެ.

އަދި އެއީ އިބޫއަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި އަދި ކޮންމެ ގާނޫނީ ހައްގަކީ އެކުލެވޭ ޒިންމާއާ އެކު އެކުލެވޭ ހައްގެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކެބިނެޓް އެކުލަވައިލައްވަން ވިސްނަވާއިރުގައި ގުޅިފައިވާ ޕާޓީތަކުން އެ މައްޗަށް ސަވާރުވެ ނުވަތަ އެ މައްޗަށް ބުރަވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ގާނޫނު ވެސް އަދި އާއްމު އަހުލާގު ވެސް ތަންދޭނެ ކަމެއް ނޫން، ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން. ތެދުފުޅެއް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާނޭ ރައީސް އިންތިޚާބުވީ އިއްތިިހާދަކުންކަން،" ނަޝީދު ވިދާޅުވި އެވެ.

އިބޫ ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ކެބިނެޓް އެކުލަވާލުމުގެ ގޮތުން ޕާޓީތަކުގެ މެދުގައި ދަނީ މަޝްވަރާކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މާދަމާ ރޭ ކެބިނެޓްގެ "ލިސްޓް" ފައިނަލް ކުރެވޭނެ ކަމަށާއި ނަމަވެސް މުޅިން މިކާމާ ގުޅޭ ގޮތުން ނިންމުމެއް ނިމެވޭނީ ބޭސްފަރުވާއަށް މޭލޭޝިއާ އަށް ވަޑައިގެން ހުންނެވި ކޯލިޝަންގެ އެއް ލީޑަރު ކަމުގައި ކުރީގެ ރައީސް މައުމޫން ބުދަ ދުވަހު މާލެ ވަޑައިގަތުމުން ކަމަށެވެ.

comment ކޮމެންޓް