ސަރުކާރުގައި ތިބި ނަމަވެސް ސަރުކާރަށް ފާޑު ކިޔުމުގެ ފުރުސަތު ދޭނެ ކަމަށާއި ހެޔޮވެރިކަމެއް ކުރެވޭނީ އެ ފުރުސަތާ އެކީގައި ކަމަށް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގަނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ޝާހިދު އެވެ. އެ މައްސަލާގައި މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ އަބުރު ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ ހައްގުތައް އަނބުރާ ރައްޔިތުންނަށް ހޯދައިދޭން ކަމަށެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ ވައުދެއް ކަމަށެވެ. އަދި އެމަނކިކުފާނުގެ ސަރުކާރަށް ފާޑު ކިޔުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ ގާނޫނެއް ފާސްކުރީ ސަރުކާރުން ކުރަމުން ދިޔަ ވައްކަން ފޮރުވަން. ރައްޔިތުންގެ އަނގަމަތީގައި ޓޭޕު އަޅުވަން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ސިޔާސީ މީހުންނަކީ ސަރުކާރުގައި ތިބި ނަމަވެސް މަޖިލީހުގައި ތިބި ނަމަވެސް ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަދީފައި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި ތިބި ބައެއް ކަމަށެވެ. އެހެންވީމާ ސިޔާސީ މީހުންނާ ދިމާލަށް ރައްޔިތުން ބުނަން ބޭނުންވާ ބަސް ބުނުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން [ސިޔާސީ މީހުންނަށް] ހީވަނީ އަޅުގަނޑުމެންގެ އަބުރު ވަރަށް ބޮޑޭ. ހަގީގަތުގައި ދުރަށް ޖެހިލާފައި ބަލާލީމާ ތިބާގެ އަބުރު އެހާ ބޮޑެއް ނޫން. އަދި ހާއްސަކޮށް ބޮޑޭ ހީކޮށްގެން އުޅޭ ކަމަށްވާ ނަމަ އެކުރެވެނީ ކުށްހީއެއް." ޝާހިދު ވިދާޅުވި އެވެ.
އަބުރުގެ ބިލު އުވާލަން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަންނަން 48 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. އަދި އެ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ.
އަބުރުގެ ބިލު އުވާލަން މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީ އިން ލިބިދީފައިވާ ބައެއް އަސާސީ ހައްގުތަކަށް އުނިކަން ލިބިފައިވާތީ އެވެ.
"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލުކޮށް ތަންފީޒު ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން ފުށުއަރާ މައްސަލަތަކާއި ވަނީ ކުރިމަތިލާން ޖެހިފައި،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ ހަމަތަކާ އުސޫލުތަކާއި އަބުރުގެ ގާނޫނު ތައާރުޒުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ގަނޫނު އަސާސީގެ އެތައް މާއްދާތަކުން ލިބިދޭ ބާރު ކެނޑޭ ގޮތަށް އަބުރުގެ ގާނޫނު އެކުލަވާލާފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އަބުރުގެ ގާނޫނު ފާސްކޮށްފައި ވަނީ އެ ގާނޫނު ފާސްކުރުމާއި ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށް 2016 ވަނަ އަހަރު އެވެ.