މޭޑޭ މުޒާހަރާގެ ތެރޭގައި ފުލުހަކަށް މުގުރުބުރިއަކުން ހަމަލާ ދިން ކަމަށް ބުނާ މައްސަލާގައި ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ސ. ހުޅުދޫ، އޮސްޓްރޭލިއާ، އިބްރާހިމް އިބާދު ހައިކޯޓުން މިނިވަންކޮށްފި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި އިބާދު ފުލުހަކަށް ހަމަލާދިން ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިބާދުގެ މައްޗަށް ކުރީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އިބާދުގެ މައްޗަށް އުފުލި ދައުވާ ވެސް ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.
ހައިކޯޓުން ބުނީ އިބާދުގެ މައްޗަށް ދައުވާ ކުރީ ނުބައި މާއްދާއެއްގެ ދަށުން ކަމަށެވެ. އިބާދުގެ ވަކީލު ނާޒިމް ސައްތާރު "ސަން" އަށް ވިދާޅުވީ އޭނާއަށް ދައުވާ ކުރި އިރު ދައުވާގައި ބުނެފައި ވަނީ އޭނާ "ހަތިޔާރެއް" ބޭނުންކޮށްގެން ހަމަލާދީފައިވާތީ އޭނާ ތޫނު ނުވަތަ ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ގާނޫނުގެ ދަށުން ކުށްވެރިވާ ކަމަށެވެ. އެހެެން ނަމަވެސް އެ ހަތިޔާރަކީ "ތޫނު" ނުވަތަ "ނުރައްކާތެރި" ހަތިޔާރެއް ކަމަށް ދައުވާގައި ބަޔާންކޮށްފައި ނުވާ ކަން ހުކުމުގައި ފާހަގަ ކުރި ކަމަށް ނާޒިމް ސައްތާރު ވިދާޅުވި އެވެ.
މޭޑޭ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯ ފުލުހުން ވަނީ އޭރު އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި ފެނިގެން ދަނީ މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލާ މަންޒަރެވެ. އަދި އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
މޭޑޭގައި ފުލުސް މީހާއަށް ހަމަލާ ދިން މައްސަލާގައި މިހާރު ގްރީން ސްޓްރީޓަށް ކުޅޭ ގޯލް ކީޕަރު ލަބާން ޝަރީފު ވެސް ހައްޔަރު ކުރި އެވެ. އޭނާގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރި އިރު މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.