"ގޮށްރާޅު"ގެ ޓިކެޓް ވިއްކުން އަންނަ ޖަނަވަރީގައި

ގޮށްރާޅުގެ ޕޯސްޓަރެއް---

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ގޮށްރާޅު"ގެ ޓިކެޓް އަންނަ ޖަނަވަރީ މަހު ވިއްކަން ފަށާނެ ކަމަށް ޑާކްރެއިންއިން ބުނެފިއެވެ.

ގޮށްރާޅުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަންއަށް މައުލޫމާތު ދެމުން ބުނީ ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާގައި ޓިކެޓް ވިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"ޓިކެޓް ލިބޭން ހުންނާނެ އޮލިމްޕަސް ހުޅުވިފައި ހުންނަ ކޮންމެ ގަޑިއެއްގައި. އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ޓިކެޓް ގަތުން،"

"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،"

އެ ފިލްމަކީ "ކްރައިމް ތްރިލާ" ފިލްމެކެވެ. ގޮށްރާޅު ޑައިރެކްޓް ކުރަނީ އަހުމަދު ޝިނާން އެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ "ގޮށްރާޅު" އަކީ ޑާކްރެއިންގެ އެންމެ ތަފާތު އެއް މަސައްކަތަށް ވާނެ ކަމަށް ވެސް މޮގާ ބުންޏެވެ.

ފިލްމުގެ ޝޫޓިން މަސައްކަތް ނިމި ޝައުގުވެރި ޓްރެއިލާއެއް ބެލުންތެރީންނަށް ދޫކޮށްލާފައި ވާއިރު ބެލުންތެރީން އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މި ފިލްމަކީ މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.

comment ކޮމެންޓް