ޅ. ނައިފަރުގެ މައި ކަރަންޓު ކޭބަލަށް ލިބުނު ގެއްލުމަކާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ސަން" އަށް ވިދާޅުވީ ނައިފަރުން ކަަރަންޓު ކެނޑުނީ މިއަދު ހެނދުނު 11:00 ހާއިރު، އެރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ކޭބަލަށް ގެއްލުންވުމުން ކަމަށެވެ. އަދި އެފަހުން އަދިވެސް ރަށަށް ކަރަންޓު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަރުަދަމާގެ މީހުންގެ އަތުން އެއުޅެނީ، މެއިން ކޭބަލް މައްޗަށް ކައްޓިއެއް ޖަހައިގެން ގްރައުންޑު ވެގެން. ދެން އެ ކޭބަލް މިހާރު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ،" ކާރިމް ވިދާޅުވި އެވެ.
ކާރިމް ވިދާޅުވީ އެ މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓު ގެނައުމުގެ މަސައްކަތް ފެނަކައިގެ ޓީމުން ކުރަމުންދާ ކަމަށެވެ. އަދި މިރޭ 21:00 ހާއިރު މައްސަލަ ހައްލު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ކާރިމް ވިދާޅުވި އެވެ.
"ނުވައެއްގެ ކުރިއަކުން ހިޔެއް ނުވެއޭ ބުނީ ލިބޭނެ ހެނެއް،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ނައިފަރުގެ ކަރަންޓު ކޭބަލަކަށް ގެއްލުން ލިބިގެން އެ ރަށުން ކަރަންޓު ކެނޑުނެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅު އެރަށުގައި ހޮޅިދަނޑިތަކެއް ޖަހަން އުުޅުމުގެ ތެރޭގަ އެވެ.