އިންޑިއާއިން ސްވިޒަލެންޑަށް ފައިމަގުގައި

ރާޖް ގޯޕާލް--

ފައިމަގުގައި އިންޑިއާގެ ނިއުދިއްލީ އިން ސްވިޒަލޭންޑުގެ ޖެނިވާއަށް ދިއުމަށް އިންޑިއާގެ އެކްޓިވިސްޓަކު ނިންމައިފިއެވެ.

ރާޖްގޯޕާލް ކިޔާ މި މީހާ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ފަށާ މިދަތުރުގެ ދިގުމިނަކީ 9500 ކިލޯމީޓަރެވެ. މި ދަތުރު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައެވެ.

އިންޑިއާގެ ބައްޕަ މަހާތުމާ ގާންދީގެ 105 ވަނަ އުފަންދުވަހާ ދިމާކޮށް ފަށާ މި ދަތުރުގެ މަގްސަދަކީ ބިން ނެތް މީހުންގެ ހައްގުތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމެވެ.

ހަތްދިހަ އަހަރުގެ އިންޖިނިއަރު ބުނީ އޭނާގެ މި ދަތުރު ކުރާނީ ފައިމަގުގައި އިންޑިއާ އިން ޕާކިސްތަނަށް، އެއަށްފަހު އީރާނަށް ކަމަށާއި އީރާނުން ތުރުކީ އަށްގޮސް ސްވިޒަލޭންޑަށް ކަމަށެވެ.

"މާޗް ފޯ ޖަސްޓިސް އެންޑް ޕީސް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ހިނގާލުން ކުރިއަށް ގެންދިއުމުގއި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ގޯޕާލް ބުނެފައިވަނީ ބައެއް ގައުމުތަކުން ވިސާ ހޯދަން އުނދަގޫ ވެދާނެ ކަމަށާއި އެހެން ވެއްޖެނަމަ ބޮމްބޭ އިން ކަނޑު ބޯޓެއްގައި ގްރީސަށް ގޮސް ފައިމަގުގައި ދަތުރު ކުރާނީ ކަމަށެވެ.

ފައިމަގުގައި ކުރާ މި ދަތުރަށް އެހެން ގައުމުތަކުން ސަމާލުކަން ލިބި ބައިވެރިވާނެ ކަމަށް ބެލެވޭކަމަށް ގޯޕާލް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް