ކުޑަ ދެކުއްޖަކަށް ޖިންސީގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހއ.މޮޅަދޫ މަގުމަތި، އެރަށުން ކުޑަ ދެކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި 46 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ކިޔުންތެރިއެއް

ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހއ. މޮޅަދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.

މޮޅަދޫ ކައުސިލްގެ ނައިބު ރައީސް، އަހްމަދު އާދަމް "ސަން"އަށް ވިދާޅުވީ އިއްޔެ އިރުއޮސުނު އިރު އެރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ކުރެވެނީ ކޮންކަހަލަ ތުހުމަތެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ ކުޑަ ދެކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި އިއްޔެ ހއ. މޮޅަދޫ އިން 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ މޮޅަދޫ މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ، ހއ. އުލިގަމު މީހެކެވެ. އެމީހާގެ ފަރާތުން ޖިންސީގޯނާ ލިބުނުކަމުގެ ތުހުމަތު ކުރެވެނީ 13 އަަހަރުގެ ކުޑަ ކުއްޖަކާއި 10 އަހަރުގެ ކުޑަކުއްޖަކަށެވެ.

މިކަމާގުޅޭ ގޮތުން، ފުލުހުން އިތުރަށް ބުނީ، އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށާއި، ހައްޔަރު ކުރިމީހާގެ ބަންދަށް، ކޯޓުން އިއްޔެއިން ފެށިގެން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

comment ކޮމެންޓް