ދޮޅު ލައްކަ ޑޮލަރުގެ ހުކުމް އިސްތިއުނާފު ކުރަން މެމްބަރު ނަޝީދު ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ---

އިންޑިއާގެ މީހަކަށް ދޮޅު ލައްކަ ޑޮލަރު (2.3 މިލިއަން ރުފިޔާ) ދޭން ސިވިލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފު ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މެމްބަރު ނަޝީދު މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ ދައުވާ ކުރި ޑރ. އަލަކާ ސިންގް އާއި އޭނައާ ދެމެދު އަހަރުތަކެއް ވަންދެން ރަހުމަތްތެރިކަމެއް އޮތް ކަމަށެވެ.

ޑރ. އަލަކާ ސިންގް އެހެން ފަރާތަކާ އެކު ހިންގަން ބޭނުންވި ވިޔަފާރި މުއާމަލާތެއްގައި ޑރ. އަލަކާ ސިންގް އެދުނު މިންވަރަށް ފައިސާ ނުލި ބޭތީ، އެއިން މަދުވާ ފައިސާ ފަހަރުގައި ހޯދައިދޭންވީ ގޮތެއް ހޯދައިދޭންވީ އޭނާ ކަމަށް ބުނެ، ޑރ. އަލަކާ ސިންގް އަށް އެހީތެރިވެދިނުމުގެ ގޮތުން ހެޔޮ ނިޔަތުގައި، މުގާބިލެއް ނެތި، އަމިއްލަ އިސްނެގުމުގައި، އީމެއިލެއް ފޮނުވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ދައުވާ ބިނާކޮށްފައި ވަނީ ހަމައެކަނި އެ އީމެއިލްގެ މައްޗަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ އީމެއިލްގައި އޭނާ ފާޅުކުރި ޚިޔާލަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނޫން ކަމާއި އެއީ ޒިންމާއެއް ވެސް އިލްތިޒާމެއް އުފައްދާ ހުށަހެޅުމެއް ވެސް ނޫން ކަމާއި އެ ހުށަހެޅުމަކީ އޯގާތެރިކަމުގައި ހުށަހެޅި އިހްސާންތެރި ހުށަހެޅުމެއް ކަމުގައި ބަލައިގަންނަ ކަމާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް އީމެއިލުން ޑރ. އަލަކާ ސިންގް އޭނަ އަށް ޖަވާބުދީފައިވާ ކަމަށެވެ.

އެ ދައުވާ އަކީ އީމެއިލްގައި ޚިޔާލުތައް ފާޅުކުރި ފަހުން ހިނގައި ދިޔަ އެހެންކަމެއްގެ ސަބަބުން އެ ޚިޔާލު ބާތިލުވެދިޔަ ފަހުން ޑރ. އަލަކާ ސިންގް ކޮށްފައިވާ ގާނޫނީ ހަމައެއް ނެތް ދައުވާއެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސަން އަށް ވިދާޅުވީ އެ މަނިކުފާނުގެ އަބުރާ ގުޅޭ ކަމެއްގައި މީހަކު ކޯޓަށް ގޮސްގެން އެކަމެއް ހައްލު ކުރުރުމަށް ބޭނުންފުޅު ނުވާ ކަމަށާއި މީހަކަށް ދޭން ޖެހޭ އެއްޗެއް އޮތް ނަމަ، އިސްވެ އެކަމެއް ނިންމަވާނެ ކަމަށެވެ. އެކަމަކު ދޭން ނުޖޭ އެއްޗެއް ނުރުހުމުގައި ކޯޓަށް ގޮސްގެން ހޯދަން އުޅޭ ނަމަ ކިތައްމެ އުނދަގޫ މަރުހަލާއެއް ވިޔަސް ކަނޑައްތު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ ދައުވާ އަކީ އެއްގޮތަކަށް ވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ޚިދުމަތަކަށް އަގު ނުދީގެން ނުވަތަ ހޯދި ޚިދުމަތަކަށް އަގު ނުދީގެން ނުވަތަ މީހެއްގެ އަތުން ނެގި ދަރަންޏެއް ނުވަތަ ފައިސާއެއް އަނބުރާ ނުދައްކައިގެން ނުވަތަ މީހެއްގެ ފައިސާގައި އޭނާ ޖެހިގެން ކުރި ދައުވާއެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިވިލް ކޯޓުން މިއަދު ކުރެއްވި ހުކުމް ކުރައްވާފައި ވަނީ މުގާބިލެއް ނެތި، ހުށަހެޅޭ ހުށަހެޅުންތައް ތަންފީޒު ނުކުރެވޭނެ ކަމަށް ބުނާ ޝަރުއީ ހުކުމްތަކާއި އެ ނޫންވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށެވެ،" ނަޝީދުގެ ބަޔާނުގައި ވިދާޅުވި އެވެ.

ސިވިލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ޑރ. އަލަކާ ސިންގްގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރި އެ ދައުވާ ޝަރީއަތުން ބެލި އިރު، ދައުވާގައި ބަޔާންކޮށްފައިވާ 150،000 ޑޮލަރު ދިނުމަށް އެއްބަސްވެ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދިފައިވާ ކަމަށެވެ.

comment ކޮމެންޓް