އިންޑިއާއި ޗައިނާ ހަނގުރާމަ ނިމުމަކަށް ގެންނާނީ އައްޑޫ ސިޓީ: ނަޝީދު

ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ---

އިންޑިއާ އަދި ޗައިނާ ދެ ގައމުގެ ދެމެދުގައި އޮތް ނުރުހުންތައް އެ ދެ ގައުމުގެ ދެމެދުގައި އޮތް އުދާސްތައް ނިމުމަކަށް ގެންނާނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ވެގެން މާލެ ވަޑައިގަތުމަށް ފަހު މިއަދު ރައީސް ނަޝީދު ވަނީ އައްޑު އަތޮޅަށް ވަޑައިގެންފަ އެވެ. އައްޑޫ ހިތަދޫގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބާދާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވާހަކަފުޅު އަލި އަޅުވާލީ އިންޑިއާ އަދި ޗައިނާ ދެގައުމުގެ ދެމެދުގައި އޮތް ވާދަވެރި ކަމުގެ މައްޗަށެވެ. މިދިޔަ ފަސް އަހަރު ޗައިނާ އާއި ރާއްޖޭން ގާތް ގުޅުމެއް ބޭއްވުމުން އިންޑިއާ އިން ރާއްޖެއާ މެދު އޮތީ ނުރުހިފަ އެވެ.

"އިންޑިއާ އާއި ޗައިނާގެ ނުރުހުންތައް އެ ދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ހަމަ ޖެހުމަކަށް ގެންނާނެ ތަނަކީ ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މި އައްޑު އަތޮޅު." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއާ ގުޅޭ ގޮތުން އެ ސިޓީއާ މެދު ވިސްނަނީ ހަމަ އެކަނި ރާއްޖޭގެ ރައްޔިތުން ނޫން ކަމަށެވެ. އައްޑުއާ ގުޅޭ ގޮތުން އެ ސިޓީގެ ކަންކަން ދުނިޔޭގެ ކަންކޮޅުތަކުން އެތައް ބައެއް އޮޅުން ފިލުވަމުން ގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ---

އައްޑޫ ސިޓީން އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަކީ އެމަނިކުފާނު އުންމީދު ކުރައްވާ ގޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީ އާއި މި ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވާން ޖެހޭނެ. އަބަދުވެސް ބައްލަވާނެ ޖެހޭނެ ތިޔަ ބޭފުޅުންނަކީ ހަމައެކަނިި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އިންޑިއާ ކަނޑުގެ މަސްލަހަތާ ވެސް ގުޅިފައި ކަމަށެވެ. އައްޑޫ ސިޓީގެ ތަރައްގީ އަކީ އިނގިރޭސިންގެ ވެސް މަސްއޫލިއްޔަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީގައި މުޅި ދުނިޔޭން އެހީތެރިވުމަކީ އައްޑޫ ރައްޔިތުން އަދި އެމަނިކުފާނު ވެސް ބޭނުންފުޅުވާ ގޮތް ކަމަށެވެ.

"އައްޑޫގެ ތަރައްގީއަކީމި ރާއްޖެއަށް މަޖުބޫރު ކަމެއް. އަޅުގަނޑުމެން އެންމެން މެ އައްޑޫ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް. އެ ދަރަނި އަދާކުރުމަށް އަނެއްކާ ވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސެއް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ ވެރިކަމާ ހަވާލުވާން ތައްޔާރުވެފައި." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ---

ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީއަށް އިސްކަން ދޭނެ ކަމީ އެމަނިކުފާނު އެއްވެސް ވަރަކަށް ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އައްޑޫއަށް ގެންނަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ.

އައްޑޫއަށް ގެންނަޖެހޭ ތަރައްގީ ކަމަށް ނަޝީދު ވިދާޅުވީ

  • އައްޑޫގެ އެއާޕޯޓު ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވާން ޖެހޭ

  • އައްޑޫގެ ބަނދަރު އިންޓަނޭޝަނަލް ބަނދަރަކަށް ބަދަލުވާން ޖެހޭ

  • ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ޖެހޭ

  • އައްޑޫގެ ބޭރު ފަޅުގައި އިތުރު ތިން ރަށެއް އުފައްދަން ޖެހޭ

  • ރަށު ތެރޭގައި ޓުއަރިޒަމް ޒޯންތައް ގާއިމް ކުރަން ޖެހޭ

  • ފެނާއި ނަރުދަމާ އަދި މަގުތައް ކޮންމެހެން ހަދަން ޖެހޭ

  • އައްޑޫގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރީގައި އައްޑޫ ރައްޔިތުންގެ ހިއްސާ އޮންނަން ޖެހޭ

  • ގިނަ ހޮސްޕިޓަލުތައް އަޅަން ޖެހޭ

ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތް އެންމެ މުހިންމު އެއް ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެހެންވީމަ އައްޑޫ ސިޓީގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރިއަކީ މާދުރުގައި އޮންނަ މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން ހިންގާ ތަނަކަށް ވާން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމިއްލައަށް ކުންފުނިތައް ހިންގުމަކީ އައްޑޫ ރައްޔިތުންނަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު އައްޑޫ ސިޓީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ ---

"މި ސިޓީގެ ތަރައްގީއާ އެކުގައި ނޫނީ މާލެއަށް ފަސޭހައެއް ހޯދޭކަށް ނެތްކަން އެއީ އެންމެންމެ ގަބޫލު ކުރާނެ ހަގީގަތެއް. މި އުފެދޭ ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށް ވާންޖެހޭނީ އަދި ވާނީ މި ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރުން." ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ގެނެވޭނެ އެންމެ ބޮޑު ތަރައްގީއަކީ ސިޓީގެ އެންމެހާ ކަންކަން އެ ސިޓީގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. މާދުރުގައި މާލޭގައި އޮންނަ ސަރުކާރަކުން ތަރައްގީ ހިފަހައްޓާ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވި އެވެ.

comment ކޮމެންޓް