ސުނީގެ އާ އުފެއްދުމެއް، ދިވެހީންނަށް ވަރަށް ހާއްސަ!

"ސުނީ ސްޕެޝަލް" ކާށި ތެޔޮ ފުޅިތަކެއް، އެ ވިޔަފާރި ފުޅާކުރަން ސުނީ ވަނީ އަޒުމް ކަނޑައަޅާފަ...

ދިވެހި ފިލްމީ ދާއިރާގައި 23 އަހަރަށް ވުރެ ގިނަ އަހަރު ވާންދެން ފޫހި ކަމެއް ނެތި ބެލުންތެރީންގެ މުނިފޫހި ފިލުވައިދެމުން އަންނަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އަކީ އަބަދުވެސް ވަރަށް ތަފާތު ކަންތައްތަކެއް ދައްކާ ހުނަރުވެރިއެކެވެ. ކޮންމެ ކަހަލަ ލަވައަކަށް ވެސް އެއްވެސް އުނދަގޫ ކަމެއް ނެތި ނަށާލައެވެ. ދައްކަން މިއުޅެނީ ސުނީގެ ނެށުމުގެ ވާހަކަ ތަކެއް ނޫނެވެ. އަނެއްކާވެސް ސުނީގެ ތަފާތު ކަމެއްގެ ވާހަކައެވެ.

މަންމަ އަށް ކޮށްދޭ ކަމެއްގެ ގޮތުގައި ސުނީ މިވަނީ ވިޔަފާރިއެއް ފަށާފައެވެ. ދިވެހިންނަށް ހާއްސަ ކޮށްގެން ދިވެހި ވަންތަ ޕްރޮޑަކްޓެއް އުފައްދައި ވިއްކަން ފަށާފައެވެ. "ސުނީ ސްޕެޝަލް" ކާށި ތެލެވެ. އުފަން ރަށް އއ.އުކުޅަހުގައި ތައްޔާރުކުރާ އެ ތެލަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"ސަން" އަށް ވާހަކަ ދައްކަމުން ސުނީ ބުނީ، އެ ތެލަކީ ރަށުގައި އޭނާގެ މަންމަ ހަދާފައި ފޮނުވާ ސަތޭކަ ޕަސެންޓް ސާފު ތެލެއް ކަމަށެވެ. އެއްވެސް ކެމިކަލް އެއް ބޭނުން ނުކޮށް ތައްޔާރުކޮށްފައިވާ "ސުނީ ސްޕެޝަލް" ކާށި ތެލަށް ޑިމާންޑް ބޮޑުވެ އެންމެ ފަހުން ރިސޯޓް ތަކުން ވެސް އޯޑަރު އަންނަން ފަށައިފިއެވެ.

"ސުނީ ސްޕެޝަލް" ކާށި ތެޔޮ ފުޅިތަކެއް ވަގުތީ ލޯގޯ އަކާއެކު...

"މަންމަ ކުރާ މަސައްކަތެއް އެއީ، މަންމަ އަށް އާމްދަނީ އެއް ހޯދައިދިނުމުގެ ގޮތުން އަހަރެން މާލެ ގެނެސްގެން މި ވިއްކަނީ، މިހާރު ވެސް ވަރަށް ގިނައިން ވިކިއްޖެ، ފޭނުން ވެސް ވަރަށް އެބަ ގަނޭ، ރިސޯޓް ތަކުން ވެސް އޯޑަރު ތައް އެބަ އާދެ،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ހިތް އަތުލާފައިވާ ސުނީ ބުންޏެވެ.

ވަގުތީ ގޮތުން އެ ތެޔޮ ވިއްކަމުން އަންނަނީ ސުނީގެ އަލްބަމް ތަކުގައި ވެސް އިންނަ ލޯގޯ ބޭނުންކޮށްގެންނެވެ. މިހާރު ފުޅިއެއް 100 ރުފިޔާ އަށް ވިއްކަމުން އަންނަ އިރު ވަރަށް އަވަހަށް ލޭބަލް ތައްޔާރުވެ އެ ތެލަށް ހާއްސަ ފުޅި ތަކެއްގައި ވިއްކަން ފަށާނެ ކަމަށް ސުނީ ފާހަގަކުރިއެވެ.

"މިހާރު އަދި މި ވިއްކަނީ ރާނީ ހުސްކުރި ފުޅި އެއްގަ، އެއީ ފުޅި ލިބުމަށް ވަރަށް ދަތި ވާތީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ތެލަށް ހާއްސަ ފުޅި އަކާއެކު ލޭބަލް ވެގެން މީތި ވިއްކަން ފަށާނަން،" ސުނީ ބުންޏެވެ.

މެޝިންތަކެއް ބޭނުން ނުކޮށް އެންމެ ކުރީގައި ދިވެހިން ކާށި ތެޔޮ ތައްޔާރު ކުރަމުން އަންނަ ގޮތަށް ހަދާފައިވާ އެ ތެލަށް ބޮޑު ޑިމާންޑެއް ލިބިފައި ވާއިރު ސުނީގެ އަމާޒަކީ އޭނާގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމެވެ.

ތަފާތު ކަމެއް ނޫން ހެއްޔެވެ؟ ހެޔޮގޮތުގައި އާމްދަނީ ހޯދަން ކުރާ ކޮންމެ މަސައްކަތަކީ ވެސް ރީތި މަސައްކަތެކެވެ. "ސުނީ ސްޕެޝަލް" ކާށި ތެލުގައި ހުރި ވަރެއް ބަލާލުން ވެސް ވަރަށް ސަޅި ވާނެއެވެ.

comment ކޮމެންޓް