ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހުގެ މައްޗަށް ޖިނާއީ ތަހްގީގެއް ކޮށްދިނުމަށް އެދި މަޖިލީހުގެ 12 މެންބަރުން ފުލުހަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.
ދާދި ފަހުން ސުޕްރީމް ކޯޓުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމުގެ ކުރިން އެ މެންބަރުންނަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނުން އެއްކޮށް މަނާކޮށްފަ އެވެ. އަދި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފާރްތައް މެދުވެރިކޮށް އެ މެންބަރުން ވަނީ އެކި ފަހަރު މަތިން މަޖިލީހުން ބޭރު ވެސް ކޮށްފަ އެވެ.
މަސީހުއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅުމަށް ފަހު އަމީތު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ކަންތައްތަކާ ގުޅިގެން 12 މެންބަރުން މަސީހާ ދެކޮޅަށް މިއަދު މައްސަލަ ހުށެހެޅުމަށް ފަހު މީޑިއާއަށް މައުލޫމަތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ފުލުހަށް މައްސަލަ ހުށަހެޅީ މަސީހު ހިންގާފައިވާ "ޖަރީމާތައް" ތަހްގީގުކޮށް އެ މެންބަރުންނަށް އިންސާފު ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި އެދޭ ކަމަކީ ފުލުހުންގެ މުއައްސަސާ އިން މި މައްސަލަތައް ބަލައި ދިނުން. ވީހާ އަވަހަކަށް ބަލައިދީ ތަހްގީގްކޮށް އަދި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ދައުވާކުރަން ޖެހޭ ކަމެއްވާ ނަމަ ދައުވާކޮށްދިނުމަށް ޓަކައި މި މައްސަލަތައް ވީހާ ވެސް އަވަހަކަށް ފޮނުވައި ދިނުން،" އަމީތު ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ ހަމަ އެކަނި 12 މެންބަރުންގެ ޒާތީ މަސްލަހަތު ހިމާޔާތް ކުރުމަށް ނޫން ކަން އަމީތު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާތީ އެ ރައްޔިތުންގެ ހައްގުތަށް ހޯދައި އިހުމާލުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށެވެ.
"މަސީހު ހާޒިރު ކުރަން ޖެހޭ ކަމަށްވާ ނަމަ މި މުއައްސަސާއަށް ހާޒިރުކޮށްގެން މަސީހުއާ ސުވާލުކޮށްގެން މި މައްސަލަތައް ފުލުހުންގެ މުއައްސަސާއިން ހަމަ ބަލައި ދިނުން،" އަމީތު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މަސީހުގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ވަނިކޮށް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު އާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.