ޕީޖީ އޮފީހުން ކޯޓުތަކަށް އިތުބާރެއް ނުކުރޭ!؟

ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ގާސިމް އިބްރާހިމްގެ ދަރިކަލުން ވިލާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ ބާތިލު ކުރުމުން އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން މިދިޔަ ހަފުތާގައި ނިންމި އެވެ. މައްސަލާގައި ހެކި ހުރެ ދައުވާ ނުކުރަން ނިންމީ އެވެ.

އަދި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ޕީޖީ އޮފީހުން ގަބޫލު ކުރާ ކަމަށް ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރި ނަމަވެސް ނިންމުމަށް ބަދަލު އަތުވެދާނެ ކަމަށް ނުފެންނާތީ ނުކުރަން ނިންމީ ކަމަށް ބުނެފައިވެ އެވެ.

"ޝަރީއަތުގެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރި ނަމަވެސް ނިންމުމަށް ބަދަލު އައިސްދާނެ ކަމަށް ނުފެންނާތީ މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމައިފިން." ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައި ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުގެ ބައެއް ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހެކި ހުރެ އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމީ އެ އޮފީހުން ކޯޓުތަކަށް އިތުބާރު ނުކުރާތީތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި "ނިންމުމަށް ބަދަލު އައިސްދާނެ ކަމަށް ނުފެންނާތީ" ކަމަށް ބުނެފައި އެވަނީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ.

ޕީޖީ އޮފީހުގައި ކުރިން މަސައްކަތް ކުރި ސީނިއާ ވަކީލަކު ނަން ނުޖެހުމަށް ޝަރުތުކޮށް 'ސަން' އަށް ވިދާޅުވީ އިސްތިއުނާފު ނުކުރުމަށް ނިންމާ ނިންމުންތަކުގައި ޕީޖީ އޮފީހުން މީގެ ކުރިން އުސޫލެއް ގެންގުޅޭ ކަމަށެވެ. އެއީ އިޖުރާއީ ނުކުތާތަކެއް އޭގައި ހުރި ނަމަ ބައެއް ފަހަރު އިސްތިއުނާފު ނުކުރަން ނިންމާ ކަމަށް ބުންޏެވެ. ނަމަވެސް ހެކި ހުރެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ނުފެންނާތީ އިސްތިއުނާފު ނުކުރަން މީގެ ކުރިން ޕީޖީ އޮފީހުން ނިންމާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

" ހެއްކާ ގުޅިގެން ހެކި ހުރި ނަމަ އިސްތިއުނާފު ނުކޮށް ދޫކޮށްލާފައެއް މީގެ ކުރިން ނެތް މިފަދަ ސަބަބެއް ދައްކާފަ އެއް." ކުރިން ޕީޖީ އޮފީހުގައި މަސައްކަތް ކުރި ވަކީލު ބުންޏެވެ.

އޭނާ ބުނި ގޮތުން ޕީޖީ އޮފީހުން ކޯޓުތަކާ މެދު ޝައްކު އުފެއްދުމަކީ ވަރަށް ބޮޑެތި މައްސަލަތައް ނުކުމެދާނެ ކަމެކެވެ. ހަމަ އެފަދަ އެހެން މައްސަލަތަކެއްގައި ނަތީޖާއަށް ބަދަލު ނާންނާތީ އިސްތިއުނާފު ނުކުރަން ނިންމައިފި ނަމަ ވިކްޓިމްގެ ހައްގަށް އުނިކަން އަންނާނެ ކަމަށް ވެސް އެ ވަކީލު ބުންޏެވެ.

ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި ---

ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޕީޖީ އޮފީހުން އެގޮތަށް ބަޔާންކޮށް ނިންމި ނިންމުމަކީ "ކޯޓުތަކުގެ ހުރުމަތް ކެނޑުން" ކަމަށެވެ.

"ތިއީ ކޯޓުގެ ހުރުމަތް ކަނޑާލުން. ކޯޓަށް ތުހުމަތު ކުރުން. އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދުން." މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ އިސްތިއުނާފު ކުރުމާއި ނުކުރުމަކީ ޕީޖީގެ އިހުތިޔާރެއް ކަމަށެވެ. އެ މައްސަލައަކީ ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް މައްސަލައެއް ކަމަށާއި އަދި ހެކި ހުރި ނަމަވެސް އިސްތިއުނާފު ނުކޮށް ދޫކޮށްލެވިދާނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ޕީޖީ އޮފީހުން އެ މައްސަލާގައި ނެރުނު ބަޔާނުން ދޭހަވަނީ ޕީޖީ އޮފީހުން ވެސް ކޯޓުތަކަށް ރާއްޖޭގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރާކަން ކަމަށެވެ.

"މިހާރު ޕީޖީ އޮފީހުން އެ ވިދާޅުވަނީ އެބޭފުޅުން ކޯޓުތަކަށް އިތުބާރު ނުކުރަމޭ. ދެން ރައްޔިތުންގެ ހާލު ބައްލަވާ." ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އަދި ޕީޖީ އޮފީހަށް އިތުބާރު ނެތުމަކީ ބޮޑެތި މައްސަލަތަކެއް ނުކުމެދާނެ ކަމެއްކަން ގާނޫނީ ބޭފުޅުން ދަނީ ފާހަގަކުރަމުންނެވެ. ޝަރުއީ ނިޒާމަށް ޕީޖީގެ އިތުބާރު ނެތް ސަބަބުތައް ޕީޖީން ހާމަ ކުރަން ޖެހެ އެވެ.

comment ކޮމެންޓް