ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރި ކޮންޓެންޓް ތަކެއްގެ ސަބަބުން އެ ޓީވީ ސްޓޭޝަން ހުއްޓުވާލުމަށް ބްރޯޑްކާސްޓިން ކޮމިޝަން އިން ޑިފެންސް މިނިސްޓްރީގައި އެދުނުކަން ހާމަވެއްޖެއެވެ.
ބްރޯޑްކޯމްގެ ނައިބް ރައީސް އިސްމާއިލް ސޮފްވާން ސޮއި ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފައެވެ.
އެ ސީޓީގައި ބުނެފައި ވަނީ ހަތަރެއް ފެބްރުއަރީ އިން ފެށިގެން ރާއްޖެ ޓީވީން ގެނެސް ދެމުންދާ ލައިވް ކަވަރޭޖުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށެވެ. އަދި ގައުމީ ދިފާއީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށް ގައުމުގެ އަމަންއަމާންކަން ގެއްލި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބްރޯޑްކާސްޓް ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
"ކުއްލި ނުރައްކަލުގެ ހާލަތް އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ތިޔަ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ތެރެއިން މިކަން ހުއްޓުވައި ދެއްވުން އެދި ދެންނެވީމެވެ،" ހަތެއް ފެބްރުއަރީގައި ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ސިޓީ ފޮނުވަން ނިންމާފައިވަނީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާ ނުލައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ އޭރުގެ ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު އަސްލަމެވެ. އަދި އަސްލަމް ޑިފެންސް މިނިސްޓްރީއަށް ސިޓީ ފޮނުވަން ދެކޮޅު ހަދައި ބައްދަލުވުން ދޫކުރައްވައި ނިކުމެވަޑައިގަތް ކަން ވެސް ވަނީ އެނގިފަ އެވެ.