އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ބައްދަލު ކުރައްވަފި އެވެ.
އިމްރާނުގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ މާގިނަ އިރުތަކެއް ނުވެ، އިމްރާން ވަނީ ނާޝީދު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިރޭ އޮތް މި ބައްދަލު ކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ފަހަތަށް ނުޖެހި އިމްރާން ކުރެއްވި މަސައްކަތުން އެމަނިކުފާނަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.
"ފާއިތުވީ އަހަރުތަކުގައި އަނިޔާވެރިކަމާ ދެކޮޅަށް ފަހަތަށް ނުޖެހި އިމްރާން ކުރެއްވި މަސައްކަތުން އަޅުގަނޑަށް ބޮޑު ހިތްވަރެއް ލިބުނު. އަދި އަނބިކަބަލުންގެ މިންނެތް މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވަން،" އިމްރާން ގެ އަނބިކަބަލުންވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.
އިމްރާން ވަނީ އިއްޔެ އިންތިހާބީ ރައީސް އިބްރާހިމް މުަހައްމަދު ސޯލިހް (އިބޫ) އާ ވެސް ބައްދަލު ކުރައްވާފައެވެ.
އިމްރާން ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ 2015 ވަނަ އަހަރު މެއި އެއް ވަަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު، ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލާގައި އިއްވި 12 އަހަރުގެ ޖަލު ހުކުމް މުރާޖާކުރުމުގެ މައްސަލަ އެ ކޯޓުން ބަލައި ވަކިގޮތަކަށް ހުކުމް އިއްވަންދެން އިމްރާން މިނިވަންކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.