ސްކުޔާ އިލެވެން ސްޓޫޑިއޯއިން 2016 ވަނަ ރިލީޒް ކުރި "ހީލީމާ" ލަވަ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބި ގިނަ ބައެއްގެ ސަމާލުކަން ދަމައިގަން ލަވައެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ މަރިޔަމް އައްޒައާއި އޭނާގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ) ގެ އެކްޓިންނެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ އައްޒަގެ ކޮސްޓިއުމް ތަކެވެ.
"ހީލީމާ" އަކީ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްގެން ހެދި ފުރަތަމަ ވީޑިއޯ ލަވައެވެ. ތިން ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި އެ ލަވަ ވަނީ ރަޝިޔާގެ ޓީވީ ޗެނަލަކުން އޮން އެއާ ވެސް ކޮށްފައެވެ.
ގިނަ ބަޔަކަށް އެ ލަވަ ކަމުދިޔަ ނަމަވެސް އެ ލަވަ ގިނަ ބަޔަކަށް ސިފަވީ އެއީ ހިންދީ ލަވަ އެއްގެ ކޮޕީއެއްގެ ގޮތަށެވެ. 2015 ވަނަ އަހަރު ރިލީޒްކުރި ކާޖަލް އަދި ޝާހްރުކްހާން ފެނިގެންދާ ފިލްމު "ދިލްވާލޭ" ގައި ހިމެނޭ "ގޭރުއާ" ލަވަ އާ އެއްގޮތް ކަމެއް ހުރި ކަމަށް މީހުން ބުނަން ފެށިއެވެ.
"ގޭރުއާ" ލަވައިގައި ކާޖަލް ލައިފައިވާ ގޮތަށް ބޮޑެތި ހެދުން ތަކެއް އައްޒަ "ހީލީމާ" ލަވައިގައި ވަނީ ލާފައެވެ. އަދި "ގޭރުއާ" ގެ މަންޒަރުތައް ނަގާފައިވާ ގޮތަށް ވައިގެ ތެރޭގެ އިތުރުން ހަލާކުވެފައި ހުންނަ ބޮޑެތި ބޯޓު ފަހަރުގައި "ހީލީމާ"ގެ މަންޒަރުތައް ނަގާފައި ވުމުން ގިނަ ބަޔަކު ބެލީ ހަމަ ހިންދީ ލަވައިގެ ކޮޕީއެއް ކަމަށެވެ.
ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވިޔަސް "ހީލީމާ" އަކީ ވަރަށް ބޮޑަށް ވައިގަ ހިފާލި ލަވައެކެވެ. އެ ލަވައަށް ލިބުނު ކާމިޔާބީ އާއި ތަރުހީބާއެކު އެ ލަވަ ޑައިރެކްޓް ކުރި އަޒްހާން އިބްރާހިމް މިހާރު ބިޒީ ވެގެން މިއުޅެނީ "ހީލީމާ"ގެ އެހެން ވާޝަނެއް ބެލުންތެރިންނާ ހަމަޔަށް ގެންނާށެވެ. މިފަހަރުގެ ލަވަ ޕްރޮމޯޓް ކުރަނީ "ހީލީމާ އެގެއިން"ގެ ނަމުގައެވެ.
ޒުވާން ދެ މޮޑެލް އާއެކު "ހީލީމާ އެގެއިން"ގެ މަސައްކަތް ފަށައިގެން ކުރިޔަށް ދާކަމަށް "ސަން" އާ ވާހަކަ ދައްކަމުން އަޒްހާން ބުންޏެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ލަވަ ބެލުންތެރިންނާ ހަމަޔަށް ދޫކޮށްލަން މަސައްކަތް ކުރާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. ފިލްމީ ދާއިރާއަށް މުޅިން އައު މުހައްމަދު އިޝްފާން އަދި ޖަމްޝީދާ ޖަމްޝީދު އާއެކު ލަވައިގެ ގިނަ މަންޒަރުތަކެއް މިހާރު ޝޫޓް ކޮށް ނިންމައިފިއެވެ.
ކުރީގެ ލަވައިން އައްޒަ އާއި ޖުމާ އެވެ. މިފަހަރު މުޅިން އާ ދެ ފަންނާނެކެވެ. އައްޒަ އާއި ޖުމާ ދެއްކި އެކްޓިން އިޝްފާނަށާއި ޖަމްޝީދާ އަށް ދެއްކި ދާނެތޯ އެއީ ޔަގީނުންވެސް ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.
އަޒްހާން ބުނަނީ، އިޝްފާނާއި ޖަމްޝީދާ އަކީ ވެސް ދިވެހ ފިލްމީ އިންޑަސްޓްރީގައި ތިބި އެކްޓަރުންނާ އަރާ ހަމަކުރެވިދާނެ ވަރުގެ މޮޅު ދެ ފަންނާނުން ކަމަށެވެ. އިމޭޖިނޭޝަން ރިއަލިޓީގެ ކުޑައިގެ ދަށުން ހަދާ "ހީލީމާ އެގެއިން"ގެ މަންޒަރުތައް ނަގަން ނިންމާފައިވަނީ ކުރިން ލަވައިގައި ފެނިގެންދިޔަ ފަދަ ހިތްގައިމު މަންޒިލް ތަކުގައެވެ. އަދި އެ ލަވައިގައި ވަރަށް ހާއްސަ މަންޒަރެއް ހިމެނޭނެ ކަމަށް އަޒްހާން ފާހަގަކުރިއެވެ.
"ހީލީމާ" ކިޔާފައިވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި ފިރިމީހާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ކުރިޔަށް އޮތް "ހީލީމާ އެގެއިން" އިން އިވިގެންދާނީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ރައިހާން އާދަމްގެ އަޑެވެ.
"ހީލީމާ އެގެއިން" ޕްރޮމޯޝަން ތައް ބާކީ އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މިވަނީ ލަވައިން ފެނިގެންދާނެ އިޝްފާނާއި ޖަމްޝީދާ އާއެކު ލަވައިގެ ޕޯސްޓަރު ވެސް ދައްކާލާފައެވެ. އައްޒަ އާއި ޖުމާގެ "ހީލީމާ" ކަހަލަ ލޯބީގެ މަންޒަރުތަކެއް ހުންނާނެ ލަވަ އެއް ކަން ޕޯސްޓަރުން ވެސް ހާމަވެއެވެ.
ބޮޑެތި ހެދުން ތަކަކާއި ރީތި މޭކަޕް ތަކެއް ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަގަމުން އެ އަންނަ "ހީލީމާ އެގެއިން" ވެސް ވާނީ އަނެއްކާ ކޮޕީ އަކަށްބާ އެވެ؟ "ހީލީމާ" އަށް ވުރެއް "ހީލީމާ އެގެއިން"ގެ އަޑު ގަދަ ވާނެ ބާއެވެ؟