އަތުގައި ހީނާ ފަތް ބޭނުން ކޮށްގެން ކުރަހައި، އަތް ޖަރީކޮށް ހަދަނީ އާންމުކޮށް ރާއްޖެއިން ބޭރުގެ ގައުމުތަކުގައެވެ. ކައިވެންޏެއް ކުރަން އުޅެންޏާ އަތުގެ އުޅަނބޮށްޓާ ހަމަޔަށް ކުރަހައި ނަލަ ކުރެއެވެ. ނޫނީ ހަފްލާއަކަށް ދާން ވިޔަސް އަތް ތިލަ ރީތިކޮށްލަން ކުރަހައެވެ. މި ކަންކަން ހިންދީ ޑްރާމާ ތަކުން ފެނެއެއް ނޫން ހެއްޔެވެ؟
މިފަހަކަށް އައިސް ރާއްޖޭގައި ވެސް އަތުގައި ހީނާ ބޭނުން ކޮށްގެން ކުދީން ކުރަހަން ފަށައިފިއެވެ. ރާއްޖޭން ބޭރުގައި މިކަން ކުރާ އުސޫލުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނުކުރިޔަސް ކޮންމެވެސް ވަރަކަށް މިކަމަށް ޝައުގުވެރިކަން ހުންނަ މީހުން ރާއްޖޭގައި ވެސް އެބަ އުޅެއެވެ.
ރާއްޖޭގެ ފިހާރަތަކަށް ހީނާ ގޮށި ތައާރަފް ކުރި ފަހުން ބައެއް ދިވެހީން ވެސް ޒީނަތްތެރި ވުމުގެ ގޮތުން ކުރަހާލައެވެ. އަދި އިތުރަށް ފުރިހަމަކޮށް، ކުރެހި ކުރެހުން ގަނޑުގެ ކުލަ ރަތް ކޮށްލަން ލުނބޯ ހުތް ޖަހާ ހަނދާނެއްވެސް އެބަ ހުއްޓެވެ.

ހީނާ އިން ކުރަހާފައިވާ އަތްތިލަ އެއް...
ހާއްސަކޮށް ޒުވާން އަންހެން ކުދިންގެ ތެރޭގައި "ހިނާ އާޓް" އަށް ޝައުގުވެރިކަން ހުންނަ ކުދިން މިހާރަކަށް އަައިސް ގިނަ ވެފައި ވަނިކޮށް އިހަކަށް ދުވަހު މިވަނީ ރާއްޖޭގައި "ހީނާ އާޓް މާސްޓާކްލާސް" ތަކެއް ކުރިޔަށް ގެންގޮސްފައެވެ. މަޝްހޫރު މޮޑެލް އަދި ލަވަކިޔުންތެރިޔާ އީމް ނިޒާމް އިންތިޒާމްކޮށްގެން ބަހްރެއިންގެ މަޝްހޫރު ހީނާ އާޓިސްޓަކާ އެކުއެވެ.
އެ ކްލާސް ތަކުގައި ކިޔަވައިދިން ހާނީ ބަލުޗް އަކީ ބަހްރެއިންގައި ހީނާގެ އާޓިސްޓިކް ދާއިރާއިން މީހުން ތަމްރީނުކުރުމުގައި މަޝްހޫރު ފަރާތެކެވެ. މެދުއިރުމަތީގެ މަޝްހޫރު ނޫހެއް ކަމުގައިވާ ގަލްފު ނިއުސްގެ ހަފްތާ މަޖައްލާގައި ހާނީ ބަލުޗް ވަނީ ފީޗާކޮށްފައެވެ.
އެ ކްލާސްތަކުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ކްލާސް ތަކަށް ފުރުސަތު ދެވުނީ ލިމިޓް ކޮށްގެން 30 ވަރަކަށް ކުދީންނަށެވެ.
އެ ކްލާސްތަކުގައި ހާނީ ވަނީ ބައިވެރިންނަށް ހީނާ ބޭނުން ކޮށްގެން ތަފާތު މުނާސަބަތު ތަކާ ގުޅޭ ގޮތަށް އަތުގައި ކުރަހަން ދަސްކޮށްދީފައެވެ. އަދި ހީނާ ތައްޔާރު ކުރާނެ ގޮތާ، ހުދު ހީނާ ތައްޔާރުކޮށް އަޅާނެ ރީތި ގޮތް ތަކުގެ އިތުރުން ހީނާގެ ވިޔަފާރިއެއް ފެށިދާނެ ގޮތްތައް އޭނާ އެ ކްލާސްތަކުގައި ކިޔައިދިނެވެ. ހާނީ ވަނީ ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ގައުމު ތަކެއްގައި އޭނާގެ ހުނަރު އެހެން މީހުންނަށް އުނގަންނަދީފައެވެ.

ރާއްޖޭގައި ބޭއްވި "ހީނާ އާތް މާސްޓާކްލާސް" ގައި ކިޔަވައިދިން ބަހްރެއިންގެ ހާނި ބައިވެރިންނަށް ދަސްކޮށްދޭން އަތެއްގައި ކުރެހުމެއް ދައްކާފައި...
ކާމިޔާބު ކަމާއެކު ދެ ދުވަހަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އެ ކްލާސް ތަކުގައި ބައިވެރި މީހުންގެ އިތުރުން އެ ފުރުސަތު ނުލިބުނު މީހުންނަށް ހާނީ ވަނީ "ހީނާ އާޓް" ގެ ދާއިރާއިން ކުރިޔަށް ގޮސް ވިޔަފާރިއެއްގެ އުސޫލުން އެ މަސައްކަތް ކުރެވިދާނެ ގޮތްތައް ކިޔައިދީފައެވެ.
އޭގެ އިތުރުން ހާނީ ވަނީ އޭނާ ހީނާ ތަކުގައި އުޅެމުން މިހާ ހިސާބަށް އާދެވުނު ގޮތް ވެސް ކިޔައިދީފައެވެ. ބަލާލަން ރީތި ނަމަވެސް އެ ކަވި މަސައްކަތާ ދޭތެރޭ ޝައުގު އުފެދުނު ގޮތް ހާނީ ވަރަށް ތަފްސީލްކޮށް ކިޔައިދިނެވެ.
އެގޮތުން ފުރަތަމަ ކުރަހައި ދޭން ފެށީ އާއިލާގެ މެންބަރުންގެ އިތުރުން ގާތް ތިމާގެ މީހުންގެ އަތް ތަކުގައި ކަމަށާއި އެއަށްފަހު ރަހުމަތްތެރީންގެ އަތްތައް ޒީނަތްތެރި ކޮށްދޭން ފެށިކަމަށް ހާނީ ބުންޏެވެ. އަދި އިންސްޓާގްރާމްގައި އޭނާގެ ޕޭޖެއް ހުޅުވާ މަޑު މަޑުން ދުރުމީހުންގެ އަތްތައް ހީނާ އިން ޖަރީކޮށްދޭން ފެށިކަން އޭނާ ފާހަގަކުރިއެވެ. އަދި ވަޒީފާގައި ގިނަ އަހަރު ތަކެއް ވަންދެން އުޅެމުން ވެސް މަޑު މަޑުން މި މަސައްކަތުގައި ޝާމިލުވި ކަމަށާއި ދާދި ފަހުން ވަޒީފާ އިން ވަކިވެ ރަސްމީކޮށް ހީނާ އަޅައިދީގެން އާމްދަނީ ހޯދަން މަސައްކަތް ކުރަން ފެށި ކަމަށް ހާނި ކިޔައިދިނެވެ.

ހީނާ އިން ކުރަހާފައިވާ އަތްތިލަ އެއް
ދިވެހީންގެ ތެރޭގައި މި ކަމަށް ޝައުގުވެރިކަން ހުންނަ ކުދީންނަށް ހާނީ އެހެރީ ދަސްކޮށްދޭން ތައްޔާރަށެވެ. ކޯސްތަކާއި ވޯކްޝޮޕް ތައް ކުރިޔަށް އޮތް ތާނގައި ރާއްޖޭގައި ހިންގަން ފުރުސަތު ލިބިއްޖެ ނަމަ އުފަލާއެކު އަންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ދިވެހިންނަކީ މި ކަހަލަ މަސައްކަތްތަކަށް ނުލާހިކު ކުޅަދާނަ ބައެކެވެ. ރަނގަޅަށް މި މަސައްކަތް ދަސްކޮށް އާމްދަނީ އެއް ހޯދަން ހީނާ އަޅައިދިނުން ކިހިނެއް ވާނެ ހެއްޔެވެ؟ ޔަގީނުން ވެސް ކޭކް އަޅައި އަދި މޭކަޕް ކޮށްދޭ ފަރާތްތަކަށް އެ އޮންނަ ޑިމާން ހީނާ ފަތުގެ ފަރުމާތަކަށް ވެސް އޮންނާނެ ކަން ކަށަވަރެވެ.