އިތިއޯޕިއާގައި ފުރަތަމަ ފަހަރަށް އަންހެން އުއްތަމަ ފަނޑިޔާރަކު އައްޔަންކޮށްފި

އާ އުއްތަމަ ފަނޑިޔާރު މިއާޒާ އަޝްނަފީ -- ފޮޓޯ: ގެޓީ

އަދިސް އަބަބާ (ނޮވެމްބަރު 4): އިތިއޯޕިއާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމަށް ފުރަތަމަ ފަހަރަށް އަންހެން އުއްތަމަ ފަނޑިޔާރަކު އައްޔަންކޮށްފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ވަކީލު، މިއާޒާ އަޝްނަފީގެ ނަން އެމަގާމަށް ހުށަހެޅުއްވީ ބޮޑުވަޒީރު އަބީ އަހުމަދު ކަމަށް އެގައުމުގެ ޗީފް އޮފް ސްޓާފް ފިޓްސުމް އަރޭގާ ވިދާޅުވި އެވެ.

"އެމަގާމަށް ބޭނުންވާ ގާބިލުކަމާއި ތަޖުރިބާ (މިއާޒާގެ) އެބަހުރި،" އަރޭގާ ވިދާޅުވި އެވެ.

އިތިއޯޕިއާގެ ހައި ކޯޓުގައި ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ މިއާޒާއަކީ އެގައުމުގެ ވިމެން ލޯޔާސް އެސޯސިއޭޝަންގެ ބާނީ އެވެ. އަދި އޭނާ ގެންދަވަނީ އދ.ގެ އިކޮނޯމިކް ކޮމިޝަން ފޯ އެފްރިކާގެ ޖެންޑާ އެންޑް ވިމެންސް ރައިޓްސް އެޑްވައިޒާގެ މަގާމު އަދާ ކުރައްވަމުންނެވެ.

އިތިއޯޕިއާގެ ގާނޫނު ހަދާ މަޖިލީހުން އެފަދައިން ނިންމީ އެގައުމުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކުރި ފަހުންނެވެ. އަދި އެގައުމުގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައި މެމްބަރުންނަކީ އަންހެނުން ކަމަށް ކަނޑައެޅި ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް